އެއްގަމު ދަތުރުފަތުރު ހިދުމަތް ދިނުމުގައި ހުރި މައްސަލަތަކާ ގުޅިގެން އާންމުންގެ ހިޔާލު ހޯދުމަށް 'ދަ ޕްރެސް' އިން ހުޅުވާލި ޕޯލްގައި އެ މައްސަލަތައް ހައްލުވާނީ މީޓަރު ޓެކްސީ ތައާރަފް ކޮށްގެން ކަމަށް ގިނަ ބަޔަކު ބުނެފިއެވެ.

މިމަހުގެ 8 ވަނަ ދުވަހު ހުޅުވާލި ޕޯލްގެ ނަތީޖާ އަށް ބަލާއިރު، ވޯޓުގައި ބައިވެރި މީހުންގެ ތެރެއިން 8.2 ޕަސެންޓް މީހުން ބުނީ، ހައްލުވާނީ ޓެކްސީ އަގު ދަށްކޮށްގެން ކަމަށެވެ. ޕަބްލިކް ޓްރާންސްޕޯޓުން މައްސަލަ ހައްލުވާނެ ކަމަށް ބުނީ 39.2 ޕަސެންޓް މީހުންނެވެ. އަދި މީޓަރު ޓެކްސީ ތައާރަފް ކޮށްގެން އެ މައްސަލަ ހައްލުވާނެ ކަމަށް ވޯޓުގައި ބައިވެރިވި 52.6 ޕަސެންޓް މީހުން ވަނީ ބުނެފައެވެ.

ޕޯލްގެ ނަތީޖާ ދެއްކި ގޮތް

މާލޭގައި ޓެކްސީ ކުރާ ބައެއް ޑްރައިވަރުން 'ދަ ޕްރެސް' އާ ވާހަކަ ދައްކަމުން ބުނީ، ޓެކްސީ ދަތުރު ކުރުމުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް، އޮތް ހައްލެއް ކަމަށް ގަބޫލު ކުރަނީ މީޓަރު ޓެކްސީ ތައާރަފް ކުރުން ކަމަށެވެ.

"އޭރުން ދެން ޝަކުވާއެއް ނެތި ދެވޭނެތާ، މީޓަރަށް އަރާ ވަރެއް ދިނީމައި ހުންނާނީ ރަނގަޅަށް ނު"
ޑްރައިވަރެއް

ބައެއް ޑްރައިވަރުން ބުނާ ގޮތުން މިހާރު ވެސް ކުރާ ދަތުރުތަކުން ގަޑިއިރަކަށް 100 ރުފިިޔާ ވެސް އެވްރެޖްކޮށް ނުޖެހެއެވެ.

މާލޭ މަގުމަތިން ޓެކްސީއެއް ދުއްވާފައި ދަނީ / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

މިސާލެއްގެ ގޮތުގައި އެ ޑްރައިވަރުން ބުނީ، މާލޭގެ ހެންވޭރުން މާފަންނަށް ދަތުރެއް ނެގިޔަސް ކަސްޓަމަރު ދަތުރު ފަށަން ބުނި މަންޒިލަށް ދާން ވެސް، މާލޭގެ ކާރޫބާރު ބޮޑު މަގުތަކުގައި ދުއްވަން 20 އަކަށް މިނެޓް ނަގާނެ ކަމަށެވެ. އެހެންކަމުން އާންމުކޮށް މާލެ ތެރޭގައި ކުރާ ދަތުރު ފަތުރުތަކަށް ބަލާ އިރު އެއްގަޑިއިރު ތެރޭ 4 ދަތުރު ކުރުން އެއީ ވަރަށް ދަތިކަމެއް ކަމަށް އެމީހުން ބުނެއެވެ. އަދި އެއީ ގިނަ ޑްރައިވަރުން މާލެއިން ދަތުރު ނުނަގާ މައިގަނޑު ސަބަބު ކަމުގައި ވެސް ބުނެއެވެ.

ގަޑިއިރެއްގެ މައްޗަށް 100 ރުފިޔާ ޖެހޭ ފަހަރުތަކަށް ބަލާނަމަ އެއީ މާލެއިން ހުޅުމާލެއަށް ކުރާ ދަތުރުތައް ކަމަށް އެހެން ޑްރައިވަރަކު ބުންޏެވެ. އެއިން ދަތުރަކަށް 75 ރުފިޔާ ހޭދަވާ އިރު އެ ދަތުރުގައި 40 މިނެޓް ހޭދަވާނެ ކަމަށް އޭނާ ލަފާ ކުރެއެވެ. އަދި ހުޅުމާލެ އަށް ގޮސް ބާކީ އޮތް ވިހި މިނެޓް ތެރޭ އެއް ދަތުރު ލިބިއްޖެ ނަމަ ގަޑި އިރަކަށް 100 ރުފިޔާ ހަމަކުރެވިދާނެ ކަމަށް އޭނާ ބުނެއެވެ.

އެހެން ބައެއް ޑްރައިވަރުން ބުނީ، ޓެކްސީތައް އެވްރެޖްކޮށް ދުވާލަކު 8 ގަޑިއިރު ދުއްވާ ކަމަށާއި، ދުވާލަކު 1200ރ. - 1500ރ. ދެމެދުން ޖެއްސޭ ކަމަށެވެ. އެއީ މާލެއާއި، ހުޅުލެ އަދި ހުޅުމާލެ ހިމަނައިގެން ކަމަށް ބުނެފައިވެއެވެ.

މީޓަރު ޓެކްސީ ތައާރަފް ކުރުމަކީ މި ވަގުތު އޮތް ހައްލު ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ އިރު ރޭޓް ކަނޑައަޅާނީ ސަރުކާރުން ކަމަށާއި، ޕޮލިސީ ލެވެލްގެ އެ މަސައްކަތް ސަރުކާރުން ކުރީމައި ޓެކްސީ މައްސަލަ ހައްލުވާނެ ކަމަށް އެހެން ޑްރައިވަރަކު ބުނެއެވެ.

ސިނަމާލެ ބްރިޖުމަތިން ދަތުރު ކުރާ މީހުން / ފޮޓޯ: މިޒްނާ މުހައްމަދު | ދަ ޕްރެސް

އެ ޑްރައިވަރު ބުނި ގޮތުގައި ޓެކްސީ ކުރާ އާދައިގެ ކާރުތަކުން ދުވާލެއްގެ މައްޗަށް ފުލް ޓޭންކް ޕެޓްރޯލް އަނދާނެއެވެ. އެއީ 45 - 50 ލީޓަރު ޕެޓްރޯލް ކަމަށް އޭނާ ބުނެއެވެ. އަދި އެ ވަރަށް ޕެޓްރޯލް އަނދާ އިރު، 8 ގަޑިއިރުން 1200 ރުފިޔާގެ އާމްދަނީ ގިނަ ފަހަރު ނުޖެއްސޭނެ ކަމަށް އޭނާ ބުނެއެވެ. އަންދާޒާ ކޮށްފައި 8 ގަޑިއިރުން ހޯދޭނެ އާމްދަނީ ބުނަން ސީދާ ނޭނގޭނެ ކަމަށާއި ނަމަވެސް ގަޑިއިރަކުން ހަމަވާނީ 100 ވަރަކަށް ރުފިޔާ ކަމަށް އޭނާ ބުނެއެވެ.

ދުނިޔޭގެ ތެލުގެ އަގުތައް މައްޗަށް ދިއުމާ ގުޅިގެން އެއްގަމު ދަތުރުފަތުރުގެ ތެރެއިން ޓެކްސީ ދަތުރު ކުރާ ފަރާތްތަކުން ވަނީ ޓެކްސީ ދަތުރު ކުރާ އަގުތައް ބޮޑު ކުރަން ގޮވާލާ އިހުތިޖާޖެއް ކޮށްފައެވެ. މިދިޔަ ހަފްތާގައި ޓެކްސީ ޑްރައިވަރުން އިހުތިޖާޖު ކުރުމުން ޓްރާންސްޕޯޓް މިނިސްޓްރީން އަގުތައް ބޮޑު ނުކޮށް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށް ދަތުރު ކުރުމަށް ގޮވާލައި ވަނީ އެ ގޮތަށް އަމަލު ނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.