ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކަކީ މަދަނީ މިންގަނޑުން ބެލިކަމުގައިވިޔަސް ބަލައިނުގަނެވޭނެ ދައުވާތަކެއް ކަމަށް ވިދާޅުވެ، އެ ދައުވާތައް ބާތިލްކޮށްދިނުމަށް އޭނާ އެދިވަޑައިގެންފިއެވެ.

އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން އާޒިމާގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް މިއަދު ބާއްވާފައިވާއިރު، އެ މައްސަލައިގެ އަޑުއެހުންތައް ވަނީ އަލުން ފަށާފައެވެ. އެއީ، އެ މައްސަލަ އެންމެ ފުރަތަމަ ބެއްލެވި ގާޒީ އަހުމަދު ހައިލަމް އިސްތިއުފާ ދެއްވުމާ ގުޅިގެންނާއި، ފަހުން އެ މައްސަލައާ ހަވާލުވެވަޑައިގަތް ގާޒީ އެ މައްސަލައިން ތަނާޒުލްވުމުންނެވެ. އެހެންވެ، މިހާރު އެ މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމެވެ.

މީގެ ކުރިން، އާޒިމާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން ބާއްވަން ނިންމާފައި އޮތީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުގައެވެ. ނަމަވެސް އޭނާގެ ވަކީލް ކަރަންޓީނުގައި ހުރުމުން، އެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.

އެހެންކަމުން، އެ މައްސަލައިގެ ދައުވާތައް އިއްވަމުން، ދައުލަތުގެ ވަކީލް ވިދާޅުވީ، އާޒިމާގެ މައްޗަށް ދައުވާ އުފުލާފައިވަނީ ރަސްމީ މަގާމެއްގައި ހުރެ، އަމިއްލަ ބޭނުމަށް ކުރި ކަމެއްގެ މައްޗަށް ކަމަށެވެ.

ނަމަވެސް، އެ ދައުވާތަކަށް އިންކާރު ކުރައްވައި އާޒިމާ ވިދާޅުވީ، އޭސީސީއަށް ލަފާދެނީ ބަންޑާރަނައިބު ކަމަށްވާއިރު، އޭނާއަށް އޭސީސީއަށް ލަފައެއް ނުދެވޭނެ ކަމަށާއި، އެފަދަ ލަފައެއް ދެއްވާފައި ނުވާނެ ކަމަށެވެ.

އާޒިމާ ވަނީ އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރެއްވި ކުށަކަށް މަގުފަހިކޮށްދިނުމަށް ކަމަށްވާއިރު، ޔާމީންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށާއި، ޔާމީންގެ މައްޗަށް ކުރި ދައުވާތަކަށް ބޭނުންވާ އުންސުރު ހަމަނުވާކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިކަން ފާހަގަ ކުރައްވާފައެވެ.

އާޒިމާ ވިދާޅުވި ގޮތުގައި، އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކަކީ އެއް ހާދިސާއެއްގެ މައްޗަށް ބިނާކޮށްފައިވާ ދައުވާތަކެކެވެ. އެހެންކަމުން މަދަނީ މިންގަނޑުންވެސް އެ ދައުވާތައް މަދަނީ މިންގަނޑުންވެސް ކުރިއަކަށް ނުގެންދެވޭނެއެވެ.

އެއަށްފަހު، ގާޒީ ވަނީ ދެ ފަރާތުންވެސް ހެކި ހުށަހަޅަން އަންގަވާފައެވެ. އަދި 10 ދުވަހުގެ މުއްދަތެއް ވަނީ ދެއްވާފައެވެ.

އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑަރިންނަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ދައުލަތުގެ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ދައުވާއެވެ.

ދައުލަތުން ތުހުމަތުކުރަނީ ޔާމީން ހިޔާނަތް ހިންގުމަށް އާޒިމާ މަގުފަހިކޮށްދީފައިވާ ކަމަށެވެ. އެގޮތުން ދައުލަތަށް ލިބެން ޖެހޭ އެކި ފައިސާ ވަކި އެކައުންޓަކަށް ޖަމާކުރުމަށް އާޒިމާ ލަފާދެއްވާފައިވާ ކަމަށާއި، އެކަމާ ގުޅިގެން އޭސީސީން ހިންގި ތަހުގީގަށް ދޮގު މައުލޫމާތު ދިން ކަމަށް ދައުލަތުން ތުހުމަތު ކުރެއެވެ.