ޕާކިސްތާނުގެ ސަރަހައްދަށް މިސައިލް ހަމަލާއެއް "ފޮނުވާލެވުނީ އޮޅުމަކުން" ކަމަށް އިންޑިއާއިން ބުނެފައި ވާ ކަން އެނގިފައި ވާ ކަމަށް ބުނެ، މި ހާދިސާއާ ގުޅިފައި ވާ ހުރިހާ ކަމެއް ދެނެގަތުމަށްޓަކާ، ދެ ފަރާތް ގުޅިގެން ފުރިހަމަ ތަހުގީގެއް ހިންގަން ޕާކިސްތާނުން ޑިމާންޑް ކޮށްފިއެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓްރީއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން ލިބިފައި ވާ ވެއްޓެއްގައި، އެފަދަ ގޮތަކަށް އޮޅުމެއްގެ ތެރެއިން ނުވަތަ އިޒުނަޔަކާ ނުލާ މިސައިލް ހަމަލާތައް ދެވުމަކީ ސަލާމަތީ އަދި ފަންނީ ރައްކާތެރިކަމާ ގުޅިގެން ސުވާލު އުފައްދަނިވި ކަމެއް ކަމަށެވެ. އަދި ހަދިސާ ހިނގި ގޮތުގެ ސާފު ތަސްވީރެއް، އިންޑިއާއިން ކުރަހާ ދޭން ޖެހޭ ކަމަށްވެސް ޕާކިސްތާން ފޮރިން މިނިސްޓްރީއިން އާންމު ކުރި ބަޔާނުގައި ވަނީ ބުނެފައެވެ.

އަދި ހަމަލާ ދެވުމާއެކު، ވަގުތުން އެކަން ބަޔާން ކުރުމަށް އިންޑިއާއިން ފެއިލްވެފައި ވާ ކަމަށާ، ހާދިސާ ހިނގިކަން ފާކިސްތާނުން ހާމަކޮށް، އިތުރު ތަފްސީލު ހޯދުމަށް އެދެންދެން އިންޑިއާއިން މަޑުކުރި މަޑުކުރުމާ މެދުވެސް ޕާކިސްތާނުން ވަނީ ސުވާލު އުފައްދާފައެވެ.

މީގެ އިތުރުން މިސައިލްގެ ކަންކަން ބަލަހައްޓަމުން ދިޔައީ އަސްކަރީ ބާރުތަކުން ތޯ ނުވަތަ އެއްވެސް ހަމައެއްލަމައެއް ނެތް ރޯގް ބައެއްތޯވެސް ޕާކިސްތާން ސަރުކާރުން ވަނީ އިންޑިއާ ސަރުކާރަށް ސުވާލު ކޮށްފައެވެ.

ޕާކިސްތާންގެ އޮފިޝަލުން މީގެ ކުރިން ހާމަ ކުރައްވާފައި ގޮތުގައި އިންޑިއާއިން ފޮނުވާލި މިސައިލްގައި ހަތިޔާރެއް ނެތެވެ. އަދި އެ މިސައިލް ވެއްޓިފައި ވަނީ ޕާކިސްތާނުގެ އިރުމަތީ ސިޓީއެއް ކަމަށް ވާ މިއާން ޗަންނޫއަށް ކަމަށާ، އެއީ ވެރިރަށް އިސްލާމްއާބާދާ އެންމެ 500 ކިލޯމީޓަރު ދުރުގައި އޮންނަ ސަރަހައްދެއް ކަންވެސް ޕާކިސްތާނުން ވަނީ ފާހަގަ ކޮށްފައެވެ.

އިންޑިއާ ސަރުކާރުންވަނީ އާންމު އުސޫލުން ކުރިއަށް ގެންދިޔަ މެއިންޓަނަންސް މަސައްކަތެއްގެ ތެރެއިން މައްސަލައެއް ދިމާވެ، މިސައިލް ދޫވިކަމަށް އިއުތިރާފުވެފައެވެ.

އިންޑިއާގެ ދިފާއީ ވުޒާރާއިން އާންމު ކުރި ބަޔާނުގައި ބުނެފައި ވަނީ ޕާކިސްތާން ސަރަހައްދަށް މިސައިލް ވެއްޓިފައި ވާކަމުގެ މައުލޫމާތު ލިބިފައި ވާ ކަމަށާ، މި ހާދިސާއާ މެދު އިންތިހާއަށް ހިތާމަ ކުރާ ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުން ނުވި ކަމީ، ހަމަޖެހުން ލިއްބައިދޭ ކަމެއް ކަމަށްވެސް އިންޑިއާގެ ދިފާއީ ވުޒާރާގެ ބަޔާނުގައިވެއެވެ.

އިންޑިއާގެ ސަރުކާރުން ސީރިއަސް މައްސަލައެއްގެ ގޮތުގައި މިކަން ބަލާނެ ކަމަށާ، އެންމެ ފަންތީގެ އިންކުއަރީއެއް ހިންގުމަށް އަމުރު ކޮށްފައި ވާ ކަމަށްވެސް އިންޑިއާގެ ދިފާއީ ވުޒާރާއިން ވަނީ ބުނެފައެވެ.

ޕާކިސްތާނުގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު، މުއީދު ޔޫސުފް ވިދާޅުވީ، ހާދިސާ ހިނގި ވަގުތު ޕާކިސްތާން ސަރުކާރުގެ ސަމާލުކަމަށް އެކަން ގެނައުމަށް އިންޑިއާއިން ފެއިލްވުމަކީ އިންތިހާއަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ ހާރިޖިއްޔާއިން ވަނީ އެ ގައުމުގައި ހުންނަވާ އިންޑިއާގެ ޝާޣްޖި ޑެފެއާޒް، އެ އިދާރާއަށް ހާޒިރު ކުރައްވާފައެވެ. އަދި ކަމެއް ނުކުރަނީސް ވައިގެ ސަރަހައްދުގެ ހަމަހަމަ ހިމޭންކަން ނަގާލާފައި ވާ ކަމަށްވެސް އެ ވުޒާޒާރައިން ވަނީ ބުނެފައެވެ. އިންޑިއާގެ އެ އަމަލަކީ، ފަސެންޖަރުން އުފުލަމުން ދިޔަ ފްލައިޓަކަށްވެސް އަމާޒުވުމުގެ ފުރުސަތު އޮތް ހަމަލާއެއް ކަމަށާ، ހަމަލާގެ ސަބަބުން އާންމު ރައްޔިތުންތަކެއްގެ ފުރާނަ ގެއްލިދިއުން ފަދަ ހާދިސާއެއް ހިނގުމުގެ ފުރުސަތުވެސް އޮތް ހާދިސާއެއްކަން ޕާކިސްތާނުން ވަނީ ފާހަގަ ކޮށްފައެވެ.

ސަރަހައްދީ އިމުގެ މައްސަލާގައި ޒަމާންވީ އަދުއްވުންގެ ގޮތުގައި އޮތް އިންޑިއާއާއި ޕާކިސްތާނަކީވެސް ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން ލިބިފައި ވާ ދެ ގައުމު ކަމަށް ވާއިރު، ހެދޭ ގޯސްތަކެއް ނުވަތަ ހިނގާފާނެ ހާދިސާތަކެއްގެ އިންޒާރު، އަސްކަރީ ތަޖުރިބާކާރުން މީގެ ކުރިންވެސް ވަނީ ދެއްވާފައެވެ.