ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް އުފުލި ރިޝްވަތު ހިފިކަމުގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމުގެ އިސްތިއުނާފު މައްސަލަ މާދަމާއަށް ހައިކޯޓުގައި ތާވަލުކޮށްފިއެވެ.
މަހުލޫފްގެ މައްޗަށް އުފުލާފައި ވަނީ ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއެވެ.
އެއީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު ކަމުގައި އޭނާ ހުންނެވި އިރު، އޮގަސްޓު 27، 2014 ދުވަހު އެސްއީޒެޑު ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، 33،000 ޑޮލަރުގެ ޗެކެއް، މަހްލޫފްގެ ނަމުގައި ހުޅުވާފައިވާ ބީއެމްއެލްގެ އެކައުންޓަށް އޭގެ ފަސް ދުވަސް ފަހުން ޖަމާކޮށްފައި ވާތީއެވެ.
އެ މައްސަލަ ކޯޓުން ބޭރުކޮށްލާފައި ވަނީ އެ މައްސަލައިގައި ބޭއްވި އަޑުއެހުމުގައި މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅާފައެވެ.
ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން ތާވަލްކޮށްފައިވަނީ މާދަމާ މެންދުރު 14:00އަށެވެ.
މިމަހު އެއް ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ގާޒީ މުހައްމަދު މިސްބާހު ވަނީ މަހްލޫފް އެކައުންޓަށް ޖަމާވެފައިވާ ފައިސާ އަކީ އެސްއީޒެޑު ބިލަށް ވޯޓު ދިނުމުގެ ބަދަލުގައި ހޯދި ރިޝްވަތެއްކަން ސާބިތުވާ ވަރުގެ ހެއްކެއް ނެތް ކަން ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން އެގޮތައް ނިންމީ މީގެ ކުރިން ހައިކޯޓުން ނިންމާފައިވާ ނިންމުމަކަށް ރިއާޔަތް ކުރައްވާ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.
މީގެ ކުރިންވެސް މަހްލޫފްގެ މައްޗަށް 2019 ގައި ދައުވާކުރަން ފޮނުވިއިރު، ދައުލަތުން ވަނީ އޭރު ކުޑަ ދުވަސްކޮޅަކަށް މަހްލޫފް ސަސްޕެންޑު ކޮށްފައެވެ. އޭގެ ފަހުންވެސް މަހްލޫފް މިދިޔަ ޖޫން މަހު މަގާމުން ސަސްޕެންޑު ކޮށްފައިވެއެވެ. ނަމަވެސް، އޭނާގެ މައްޗަށް ގޮތެއް ނިންމުން ލަސް ކަމަށް ބުނެ، އޭނާގެ ސަސްޕެންޝަން ވަނީ އޭގެ ހަތަރު މަސް ފަހުން އުވާލާފައެވެ.