ވިލިމާލޭގެ ބަގީ ހިދުމަތް ހުއްޓާލާފައިވާތީ އެ ހިދުމަތް ދޭން ހަވާލު ކޮށްފައި އޮތް ފަރާތަށް ހިދުމަތް ފަށަން ފަހު ފުރުސަތު ދީފިއެވެ.

މާލެ ސިޓީ ކައުންސިލްގެ ވިލިމާލޭ މެންބަރު ނަހުލާ އަލީ ވިދާޅުވީ، ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ސިޓީ ކައުންސިލާ އެކު އެއްބަސްވުން ހަދާފައިވާ ފަރާތް ކަމަށްވާ، 99 ހޯލްޑިންގްސް އަށް މި މަހުހެ 26 ގެ ނިޔަލަށް އެންމެ ފަހު ފުރުސަތު ދީފައި ވާ ކަމަށެވެ. އެންމެ ފަހު ފުރުސަތު އެ ފަރާތަށް ދީފައިވާ އިރު، އެއްގޮތަކަށް ވެސް ބަގީ ހިދުމަތް އެ ފަރާތުން ނުދޭތާ 4 މަސް ވެއްޖެ ކަމަށްވެސް ނަހުލާ ވިދާޅުވެއެވެ.

ނަހުލާ އިތުރަށް ވިދާޅުވީ، ރައްޔިތުން އެދޭ ގޮތަށް ރޫޓެއް ނެތި ގުޅާލީމަ ހިދުމަތް ފޯރުކޮށްދޭން ވާނެ ކަމަށާއި އެ ގޮތަށް އެކަން ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ވާނީ އަންގާފައިވާ ކަމަށެވެ. މި މަހުގެ 26 ގެ ނިޔަލަށް ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެތެރޭގެ ދަތުރުފަތުރުގެ ދަތިކަމަށް ހައްލު ލިބިގެން ދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވެއެވެ.

މި ވަގުތު ވެސް ވަގުތީ ހައްލެއް ހޯދައި ދިނުމަށްޓަކައި ޕިކަޕާއި ވޭން ހިމެނޭ ގޮތަށް އިންޖީނުލީ 8 ވެހިކަލް އާއެކު އެއްބަސްވުމެއް ހަދައިގެން ވިލިމާލޭގައި ޓެކްސީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. ވިލިމާލޭގެ ރައްޔިތުންގެ ދަތުރުފަތުރުގެ ކަންކަމަށް ދީމާވެފައިވާ މި ދަތިކަން ހައްލުކޮށް ދިނުމަށް ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުނެއެވެ.