އިގްތިސޯދީ މަސައްކަތްތައް ކުރުމަށްޓަކައި ވިލިމާލޭގެ ސިނާއީ ސަރަހައްދުގައި ހުސްކޮށް ހުރި ސްލޮޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިދިޔަ މަހުގެ 16 ވަނަ ދުވަހު ސިޓީ ކައުންސިލުން ބޭއްވި ރަސްމީ އާންމު ޖަލްސާގައި ވިލިމާލޭން ބިން ދޫކުރުމަށް ހުށަހަޅުއްވާފައިވަނީ އެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީއެވެ. ކައުންސިލްގެ ހުރިހާ މެންބަރުންގެ އިއްތިފާގުން އެ ހުށަހެޅުން ވަނީ އެ ދުވަހު ފާސްކޮށްފައެވެ.

އެ ހުށަހެޅުމުގައިވާ ގޮތުން، މާލޭ ރައްޔިތުންނަށް ފުރުސަތު ލިބޭ ގޮތަށް ޖުމްލަ 13 ސްލޮޓެއް ދޫކުރަން ހުޅުވާލަން ފެންނަ ކަމަށް ބުނެފައިވެއެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ވިލިމާލެ ރައްޔިތުންނަށް ހާއްސަކުރުމަށް އެ ހުށަހެޅުމުގައި ވެއެވެ.

އިއްޔެ ކުރި އިއުލާނެއްގައި ސިޓީ ކައުންސިލުން ބުނެފައިވަނީ، ވިލިމާލޭގައި އިގްތިސޯދީ މަސައްކަތް ކުރުމަށްޓަކައި އެ ރަށުގައި ހުސްކޮށް ހުރި 13 ސްލޮޓްގެ ތެރެއިން ހަ ސްލޮޓެއް ވިލިމާލެ ރައްޔިތުންނަށް ދޫކުރަން ނިންމާފައިވާއިރު، ބާކީ ސްލޮޓްތައް ދޫކުރާނީ މާލޭ ރައްޔިތުންނަށް ކަމަށެވެ. މި ސްލޮޓްތައް ދޫކުރާއިރު، 18 އަހަރުންމަތީގެ އަންހެނުންނަށާއި ޒުވާނުންނަށް އިސްކަން ދޭނެ ކަމުގައި ކައުންސިލުން ބުނެއެވެ.

އެހެންކަމުން، ވިލިމާލޭގެ ސިނާއީ ސަރަހައްދުގައި ހުރި ސްލޮޓްތަކަށް ކުރިމަތިލާން އެދޭ ފަރާތްތަކުން މިމަހުގެ 27 ވަނަ ދުވަހުގެ މެންދުރުފަހު 2 ގެ ކުރިން ސިޓީ ކައުންސިލްގެ އިދާރާއަށް ސިޓީ ހުށަހެޅުމަށް، އެ ކައުންސިލުން އެދެއެވެ.