ޓެކްސީތަކުން ނަގާ ދަތުރު ފީ ބޮޑުކޮށް ދޭން ސަރުކާރުން އެއްބަސް ނުވާތީ، ޑްރައިވަރުން ކުރިއަށް ގެންދާ އިހުތިޖާޖުގައި ހުޅުމާލެއިން މާލެއަށް އަންނަ ބްރިޖް ސަރަހައްދަށް އެއްވެ އަޑުއުފުލަމުން އެބަދެއެވެ.

ޑްރައިވަރުން ހުޅުމާލެ ރުއްގަނޑުން މާލެ އަންނަން ދިމާ ކުރިތަނުން ފުލުހުން ވަނީ ޑްރައިިވަރުން ހުއްޓުވާފައެވެ. އެއާއެކު ޑްރައިވަރުން ވަނީ، ހުޅުމާލެއިން މާލެއަށް އަރާ ބްރިގް ސަރަހައްދަށް ކާރުތައް މަޑުކޮށް ކާރުތަކުން ފައިބާފައެވެ. އެއާއެކު މުޅި ސަރަހައްދު ތޮއްޖެހި ޓްރެފިކް ބްލޮކް ވުމުން، ހުޅުމާލެ ތެރޭގެ މަގުތަކުގައިވެސް ވަނީ ބާރު ބޮޑުވެފައެވެ.

މިކަމާ ގުޅިގެން ބަހުގެ ހިދުމަތް ދޭ އެމްޓީސީސީން ބުނީ، އެކުންފުނީގެ ޝެޑިއުލް ބަސްތަކަށްވެސް ބަދަލު އައިސްފައި ވާ ކަަމަށާއި ދަތުރު ކުރާ މީހުން އެކަމަށް ސަމާލު ވުމަށެވެ. އަދި މައުލޫމަތު ސާފު ކުރަން 1650 އަށް ގުޅުމަށްވެސް އެދިފައި ވެއެވެ.

ޑްރައިވަރުން ހުޅުމާލެއިން މާލެ އަންނަން ދިމާ ކުރީ، މާލޭގެ މަގުތަކުގައި ކާރު ބުރެއް ޖަހަން ކަމަށް މިރޭ ކުރިން އިއުލާން ކުރިއެވެ. ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި މިއަދު ހަވީރުއްސުރެ އިހުތިޖާޖު ކުރަމުން ގޮސް މިރޭ މާލެ އަރަން ދިމާ ކުރި އިރުވެސް، ޑްރައިވަރުންގެ ޑިމާންޑަށް ސަރުކާރުން ދޫދީފައެއް ނުވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު "ދަ ޕްރެސް" އާ ވާހަކަ ދައްކަމުން ބުނީ، ޑްރައިވަރުން ހުށަހަޅާފައިވާ ކަންތައްތަކާ މެދު މަޝްވަރާ ކުރަމުން ދާ ކަަމަށެވެ. ނަމަވެސް އަދި އަގަށް ބަދަލެއް ގެންނަން ނިންމާފައި ނުވާ ކަމަށާއި، ކަނޑައަޅާފައި އޮންނަ އަގަށް ވުރެ ބޮޑުކޮށް ދަތުރު ކުރާ ޑްރައިވަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ހުޅުމަލެއިން މާލެ އަރާ ބްރިޖް ސަރަހައްދުގައި ޓެކްސީ ޑްރައިވަރުން އިހުތިޖާޖު ކުރަމުން ދަނީ

އޮފިޝަލް އިތުރަށް ވިދާޅުވީ، ކުރިން މިއަށްވުރެ މާ ބޮޑަށް ތެލުގެ އަގު ބޮޑުވި ކަމަށާއި، މިހާރު ތެލުގެ އަގުތަކަށް އައި ބަދަލާއެކުވެސް އޭރު ރާއްޖޭގައި ތެލުގެ އަގު ހުރި މިންވަރާ ގާތަށްވެސް އަދި އުފުލިފައި ނުވާ ކަމަށެވެ.

ކުރިން ބޮޑުވި އިރު ހުރި އަގާއި މިހާރު ހުރި އަގު؛

  • މާޗް 10، 2013 ‍- ޕެޓްރޯލްގެ އަގު 16 ރުފިޔާ 80 ލާރި.
  • މާޗް 10، 2022‍‍‍‍‌‍‌‍ - ޕެޓްރޯލްގެ އަގު 14 ރުފިޔާ 60 ލާރި.

ޓެކްސީ ޑްރައިވަރުން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ، ތެލުގެ އަގާއެކު، ބާޒާރުގެ އެހެނިގެން ތަކެއްޗާއި ހިދުމަތްތަކުގެ އަގުވެސް ބޮޑުވެފައި ވާ ކަމަށެވެ. އަދި މިހާރު ހުރި ރޭޓް ތަކުގައި ދަތުރު ކޮށްދީގެން ދެކޮޅު ނުޖެހޭނެ ކަމަށްވެސް ޑްރައިވަރުން ވަނީ ބުނެފައެވެ.

މީގެ ކުރިންވެސް ޕެޓްރޯލްގެ އަގު ބޮޑުކަމަށް ބުނެ އެތައް ފަހަރަކު ޓެކްސީ އަގުތައް ވަނީ މަތިކޮށްފައެވެ. އެ ގޮތުން ވޭތުވެދިޔަ 15 އަހަރަށް ބަލާއިރު ޓެކްސީ އަގު 10 ރުފިޔާއިން 15 އަށް އަދި 15 އިން 20 އަށް އަރާފައި ވެއެވެ. އެއަށް ފަހު 25 އަށް ދަތުރު ކުރަމުން އައިސް ހުޅުމާލެއާ މާޅެ ގުޅުވާލާ ބްރިޖް އެލީ ފަހުން ޓެކްސީ ދަތުރުކަށް ނަގާ އަގުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެ ގޮތުން ހުޅުމާލެއިން މާލެއަށް ކުރާ ދަތުރުތަކަށް ވަކި އަގުތަކެއް އަދި ހުޅުމާލެއިން މާލެއަށް ކުރާ ދަތުރުތަކަށް ވަކި އަގުތަކެއް ވަނީ މިދިޔަ އަހަރު ތެރޭ ކަނޑައަޅާފައެވެ.

ޓެކްސީގެ އަގުތަކަށް ވޭތުވެދިޔަ 15 އަހަރުތެރޭ ބަދަލުތަކެއް އައިސްފައި ވަނީ ޕެޓްރޯލް އަގު އުފުލުމާ ގުޅިގެންނެވެ. ނަމަވެސް ޕެޓްރޯލް އަގު ދަށް ވެގެން ދިޔަޔަސް ޓެކްސީ ދަތުރުގެ އަގުތައް ކުޑަ ކުރާތަން ފެނިފައެއް ނުވެއެވެ. ޑްރައިވަރުން މިގޮތަށް ކުރާ ބައެއް އިހްތިޖާޖަށް އާންމުން ދެކޮޅު ހަދާ މައިގަނޑު އެއް ސަބަބަކީ މިއީ ކަމަށް ބައެއް މީހުން ބުނެއެވެ.