ޓެކްސީ ދަތުރުކޮށްދޭ އަގު ބޮޑު ކުރުމުގައި ސަރުކާރުން ގޮތެއް ނުނިއްމުމުން ޓެކްސީ ހިދުމަތް މިއަދު މެދުކަނޑާލާފައި އިހުތިޖާޖު ކުރަމުން ދިޔަ އިރު ބައެއް ޓެކްސީތައް ނުކުމެ މާލެ ސަރަހައްދުގައި ދަތުރު ކުރަމުން އެބަދެއެވެ.

މިއަދު އިހުތިޖާޖު ކުރިއަށް ދިޔަ ވަގުތު ހުރިހާ ޓެކްސީތަކެއް އޮތީ ހިދުމަތް ހުއްޓާލައިގެންނެވެ. ޓެކްސީ ސެންޓަރުތަކުގެ ކޯލްތައް ބިޒީ ވެފައިވާ އިރު، ހަވީރުގެ ވަގުތުގައި ޓެކްސީ ހިދުމަތްދޭ އެޕްލިކޭޝަންތައް ވެސް ވަނީ ޑައުންވެފައެވެ. ނަމަވެސް މިރޭ 8 ޖެހުމާ ހަމައަށް އައިރު ބައެއް ޓެކްސީތައް ވަނީ ދަތުރުތައް ފަށާފައެވެ. ނަމަވެސް ގިނަ ޑްރައިވަރުން އޭރުވެސް ތިބީ އިހްތިޖާޖު ކުރަން ހުޅުމާލޭ ރުއްގަނޑުގައެވެ.

ޓެކްސީ ދަތުރުތައް ކޮށްދޭ އަގު ބޮޑުކުރަން ސެންޓަރުތަކުން ނިންމައި މި ހަފުތާގައި އެކަން ޓްރާންސްޕޯޓް މިނިސްޓްރީ އަށް އަންގައި ޑްރައިވަރުން އަންނަނީ އެމީހުންގެ ޝުއޫރުތައް ފާޅުކޮށް އިހްތިޖާޖު ކުރަމުންނެވެ. އެގޮތުން މިއަދަކީ ސަރުކާރުން ވަކިގޮތެއް އަންގާނެ ކަމަށް ޑްރައިވަރުން ގާތު ބުނެފައިވާ ދުވަސް ކަމަށް ވެފައި މިއަދު ސަރުކާރު ބަންދުވީ އިރުވެސް ވަކި ގޮތެއް އަންގާފައި ނުވާތީ ޑްރައިވަރުން ތިބީ އަދިވެސް އިހުތިޖާޖުގައެވެ.

މިހާރު މާލޭ މަގުމަތީގައި ދަތުރު ކުރާ ބައެއް ޓެކްސީތައް / ފޮޓަޯ: ދަ ލްރެސް

މިހާރު އެ ސަރަހައްދުގައި އިހުތިޖާޖުގައި ތިބި ޑްރައިވަރުން ވަނީ ޓެކްސީތަކުގައި މާލެއާ ދިމާލަށް މިސްރާބު ޖަހާފައި ކަމަށް މައުލޫމާތު ލިބެއެވެ. މާލެއާ ދިމާއަށް އެ ޓެކްސީތައް ދަތުރު ފެށީ ރެލީއެއް ފެއްޓުމަށް ކަމަށް މައުލޫމާތު ލިބެއެވެ.

ޓެކްސީ ޑްރައިވަރުން އިހްތިޖާޖް ކުރަމުން އަންނަތާ މިހާރު 5 ވަރަކަށް ދުވަސްވެފައި ވާއިރު، ޑްރައިވަރުން އިހުތިޖާޖު ކުރަން ނިންމީ ޓެކްސީގެ އަގު ކުޑަ ކަމުން އަގަށް ބަދަލު ގެނައުމަށް ގޮވާލަމުންނެވެ. ޓެކްސީ ޑްރައިވަރުން އަގު މަތިކުރާނެ ކަމުގެ އިންޒާރު ދިނުމުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައިވާ އަގަށް ވުރެ އަގުތައް މަތިކުރާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.

މިއަދުގެ އިހުތިޖާޖުގައި އަގުތައް މަތިކުރަން އެމީހުން ހުށަހަޅާ ސަބަބާ މެދުވެސް ވަނީ ވާހަކަ ދައްކާފައެވެ. އެމީހުން ބުނީ ޕެޓްރޯލްގެ އަގަށް އައި ބަދަލާ، ބާޒާރުގެ އަގުތަކަށް އައި ބަދަލާއެކު ހަރަދުތައް ދެކޮޅު ނުޖެހޭ ކަމަށެވެ.

މީގެ ކުރިންވެސް ޕެޓްރޯލްގެ އަގު ބޮޑުކަމަށް ބުނެ އެތައް ފަހަރަކު ޓެކްސީ އަގުތައް ވަނީ މަތިކޮށްފައެވެ. އެ ގޮތުން ވޭތުވެދިޔަ 15 އަހަރަށް ބަލާއިރު ޓެކްސީ އަގު 10 ރުފިޔާއިން 15 އަށް އަދި 15 އިން 20 އަށް އަރާފައި ވެއެވެ. އެއަށް ފަހު 25 އަށް ދަތުރު ކުރަމުން އައިސް ހުޅުމާލެއާ މާޅެ ގުޅުވާލާ ބްރިޖް އެލީ ފަހުން ޓެކްސީ ދަތުރުކަށް ނަގާ އަގުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެ ގޮތުން ހުޅުމާލެއިން މާލެއަށް ކުރާ ދަތުރުތަކަށް ވަކި އަގުތަކެއް އަދި ހުޅުމާލެއިން މާލެއަށް ކުރާ ދަތުރުތަކަށް ވަކި އަގުތަކެއް ވަނީ މިދިޔަ އަހަރު ތެރޭ ކަނޑައަޅާފައެވެ.

ޓެކްސީގެ އަގުތަކަށް ވޭތުވެދިޔަ 15 އަހަރުތެރޭ ބަދަލުތަކެއް އައިސްފައި ވަނީ ޕެޓްރޯލް އަގު އުފުލުމާ ގުޅިގެންނެވެ. ނަމަވެސް ޕެޓްރޯލް އަގު ދަށް ވެގެން ދިޔަޔަސް ޓެކްސީ ދަތުރުގެ އަގުތައް ކުޑަ ކުރާތަން ފެނިފައެއް ނުވެއެވެ. ޑްރައިވަރުން މިގޮތަށް ކުރާ ބައެއް އިހްތިޖާޖަށް އާންމުން ދެކޮޅު ހަދާ މައިގަނޑު އެއް ސަބަބަކީ މިއީ ކަމަށް ބައެއް މީހުން ބުނެއެވެ.