ޑްރައިވަރުންގެ ހުށަހެޅުންތަކަށް ގޮތެއް ނިންމަން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ.

ޓެކްސީ ޑްރައިވަރުން ވަނީ ސަރުކާރަށް ބައެއް ހުށަހެޅުންތައް ހުށަހަޅައި އެ ހުށަހެޅުންތައް، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ސިޓީއެއް ފޮނުވާފައެވެ. 16 ޓެކްސީ ސެންޓަރުގެ ވެރިންގެ ސޮޔާއެކު ފޮނުވި އެ ސިޓީގައި ސެންޓަރުތަކުން ހުށަހަޅާފައިވާ ހުށަހެޅުންތަކަކީ

  • ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން ޓެކްސީ ދަތުރުތަކުގެ އަގު ވަގުތީ ގޮތުން މުރާޖައާކުރުން
  • ޓެކްސީތަކުގައި މީޓަރު ބޯޑު ހަރުކުރުމަށް ހަމަޖައްސައި ކަނޑައެޅުން
  • ޓެކްސީ ޑްރައިވަރުންނަށް ދިމާވާ ދަތިތަކާ މެދު މަޝްވަރާކޮށް އެ ކަންތައްތަކަށް ހައްލެއް ހޯދައިދިނުމަށް އެދި މިނިސްޓަރާ އެކު ބައްދަލުވުމެއް ބޭއްވުން
  • މިނިސްޓްރީއަށް އެ ސިޓީ ލިބޭ ތާރީހުން ފެށިގެން ފަސް ދުވަހުގެ ތެރޭ ބައްދަލުވުން ބާއްވާނެ ތާރީހެއް އެންގުން، ނޫނީ މިނިސްޓްރީއަށް ގޮސް ބައްދަލުކުރުން

ނަމަވެސް، އެ ހުށަހެޅުންތަކަށް އެދެވޭ ޖަވާބެއް ނުލިބުމުން، ޑްރައިވަރުން ވަނީ މިއަދު މެންދުރުފަހު 1 އިން ފެށިގެން ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި ހިމޭން އިހްތިޖާޖެއް ފަށާފައެވެ. އެ އިހްތިޖާޖު އަދިވެސް ކުރިއަށް އެބަދެއެވެ.

ޓެކްސީ ޑްރައިވަރުން ރުއްގަނޑުގައި އިހްތިޖާޖުކުރަނީ / ފޮޓޯ: އެމްވީކްރައިސިސް

ޓްރާންސްޕޯޓް މިނިސްޓްރީން މީޑިއާތަކަށް ދިން މައުލޫމާތުގައި ބުނީ، ޓެކްސީ ޑްރައިވަރުންގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް ހައްލު ހޯދައި، ސްޓޭކްހޯލްޑަރުންގެ މަޝްވަރާ އާ އެކު ގޮތެއް ނިންމާނެ ކަމަށެވެ. ނަމަވެސް، ޓްރާންސްޕޯޓް މިނިސްޓްރީން އަދިވެސް އަގުތަކަށް ބަދަލު ގެނައުމަށް ނިންމާފައެއް ނުވެއެވެ.

ޓެކްސީ ޑްރައިވަރުންގެ މައިގަނޑު ކަންބޮޑުވުމަކީ ތެލުގެ އަގު އުފުލުމުގެ ސަބަބުން، ކާރުތަކުގެ މެއިންޓަނެންސާއެކު، ޖުމްލަ ހަރަދަށް ނަގާފައި ބާކީވާ ބައި މަދުވުމެވެ. ތެލުގެ އަގު އުފުލުމުގެ ސަބަބުން ޓެކްސީތަކުގެ އިތުރުން އާންމުންނަށްވެސް ހަރަދު ބޮޑުވެގެން ދެއެވެ.

މިކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި، އެ މިނިސްޓްރީން ޓެކްސީ ދަތުރު ކުރުމުގައި ނެގޭނެ އެންމެ ބޮޑު ފީ ކަނޑާއަލާފައިވާ އިރު އެ ފީއަށް ވުރެ މަތިން އަގު ނަގާނަމަ އެ ބަޔަކާ މެދު ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެއެވެ.