އޮކްޓޫބަރު، 2013 ގައި ދެކުނު އަތޮޅެއްގެ ރަށެއްގައި ދެ ކުދިންގެ މަންމަ ބަލިވެގެން ޑޮކްޓަރަށް ދައްކަން މާލެ އައުމުން ބައްޕަ އެ ދެކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައިގައި 20 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.
މިއަދު ސްޕްރީމް ކޯޓުން އެ ހުކުމް ކުރީ ދެ ދަރިންނަށް ޖިންސީ ގޯނާކުރި ބައްޕަ ދަށު ކޯޓާއި ހައި ކޯޓުން ވެސް ސަލާމަތްވެފައި ވަނިކޮށެވެ. އެރަށު ކޯޓާއި ހައި ކޯޓުން ނިންމާފައި އޮތީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.
އެ މައްސަލައިގައި އޭނާގެ މައްޗަށް އާއިލާގެ މީހަކާ މެދު ޖިންސީ ގުޅުން ހިންގިކަމުގެ ދައުވާ ޕީޖީއިން އުފުލިއެވެ.
ފަނޑިޔާރު މަހާޒް އަލީ ޒާހިރު ރިޔާސަތު ބެލެހެއްޓެވި ބެންޗުން އެ މީހާ 20 އަހަރަށް ޖަލަށްލާން ހުކުމް ކުރީ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.
ދައުލަތުން އިސްތިއުނާފް ކުރުމުން އެ މައްސަލައިގާ ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އެފަދަ އެހެން މައްސަލަތަކުގައި ލިބޭ މިންވަރަށް ވުރެ ވަރުގަދަ ހެކިތަކެއް އެ މީހާއާ ދެކޮޅަށް އެބަހުރި ކަމަށެވެ. އޭގެ ތެރެއިން އެއް ކުއްޖަކަށް އޭނާ ޖިންސީ ގޯނާކުރަނިކޮށް ފެނުނު ހެއްކަކު ހުރިއިރު އެފަދަ ކަމަކަށް ޝައްކުވާ ގޮތަށް އޭނާ އެ ކުއްޖާއާ އެކު އުޅެނިކޮށް ފެނުނު ކަމަށް އެހެން މީހަކު ހެކިބަސް ދީފައިވާއިރު ޖިންސީ ގޯނާކުރި ވާހަކަ ދެ ކުދިން އެއްގޮތަކަށް އެކި މީހުންނަށް ކިޔައިދީފައިވާ ކަމަށް ސްޕްރީމް ކޯޓުން ވަނީ ފާހަގަ ކޮށްފައެވެ.
ހަގު ކުއްޖާއަށް އެ މީހާ ދެ ފަހަރެއްގެ މަތިން ޖިންސީ ގޯނާކުރަނިކޮށް ފެނުނު ކަމަށާއި އަނިޔާ ލިބުނު ކުއްޖާ އެކަމާ ރުޅި އައިސްގެން ހަޅޭއްލަވައިގަތް އަޑު ވެސް ބޮޑުދައިތައަށް ވަނީ އިވިފައެވެ. ދަށު ކޯޓާއި ހައި ކޯޓުން ބޮޑުދައިތަގެ ބަހަށް ބުރަދަން ނުދިނީ އޭނާއަކީ ސިކުނޑީގެ ބައްޔަކަށް ބޭސްފަރުވާ ކުރަމުންދާ މީހަކަށްވާތީއެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުން ބުނީ ބޮޑުދައިތަގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ފަދަ ސިކުނޑީގެ މައްސަލައެއް ފެންނަން ނެތް ކަމަށެވެ. މީގެ އިތުރުން ހާދިސާ ހިނގިތާ ހަތަރު އަހަރު ފަހުން، އޭނާއަށް ފެނުނު މަންޒަރު ތަފްސީލުކޮށް އޭނާ ކޯޓުގައި ކިޔައިދީފައިވާތީ އޭނާއަކީ ވިސްނުމާއި ފެނުނު މަންޒަރު ސިފަކޮށް ދިނުމުގެ ގާބިލްކަން ހުރި މީހެއް ކަމަށް ބަލަންޖެހޭ ކަމަށްވެސް ސްޕްރީމް ކޯޓުން ބުނެއެވެ.
އެ ދެ ކުދިން ބެލި ޑޮކްޓަރުގެ ލިޔުންތަކުން އެ އުމުރުގެ ކުއްޖެއްގެ ޖިންސީ ގުނަވަނުން ފެނިގެން ނުވާނެ ފަދަ ޒަހަމްތަކެއް ވަނީ ފެނިފައެވެ.