އެންޓާކްޓިކް ސަރަހައްދު ދިރާސާ ކުރުމުގައި އުޅުނު އާނަސްޓް ޝެކްލްޓަންގެ އޮޑި، "ދި އެންޑިއުރަންސް"، ގެއްލުނުތާ 107 އަހަރު ފަހުން ފެނިއްޖެއެވެ.

ސައެންސްވެރިން ވަނީ "ދި އެންޑިއުރަންސް" ބޯޓުގެ މަންޒަރުތައް ނަގާފައެވެ. މި ދިޔަ ހަފުތާ ބަންދުގައި މި އޮޑި ފެނުނީ، ވެޑޭލް ކަނޑުގެ އެންމެ އަޑިންނެވެ.

ކަނޑުގެ ގަނޑުފެންގަނޑެއްގައި ޖެހި އޮޑި ހަލާކުވެގެން "ދި އެންޑިއުރަންސް" އަޑިއަށް ދިޔައީ 1915 ވަނަ އަހަރުއެވެ. ޝެކްލްޓަންއާއި އޭނާގެ ކުރީއިން ވަނީ ކުދި ބޯޓު ފަހަރުތަކާއި ފައިމަގުގައި ގޮސް، ރައްކާތެރިކަން ހޯދާފައެވެ.

ސައެންސްވެރިން ނަގާފައި ވާ މަންޒަރުތަކަށް ބަލާއިރު، ފެނުނު އޮޑިއަކީ "ދި އެންޑިއުރަންސް" ކަން ޔަގީން ވާ ކަމަށް ހަބަރު ލިބެއެވެ. ކަނޑުގެ 3 ކިލޯމީޓަރު ނުވަތަ 100000 ފޫޓު އަޑީގައި "ދި އެންޑިއުރަންސް" އޮތީ، ދާދި މިދާކަށް ދުވަހު އަޑިއަށް ދިޔަ ބޯޓެއް އޮންނަ ފަދައިން ކަމަށް ސިފަކުރެއެވެ.

އާނަސްޓް ޝެކްލްޓަންއާ އޭނާގެ ކުރޫއިން ދަތުރުކުރި "ދި އެންޑިއުރަންސް" އޮޑި، ކަނޑުގެ އަޑީގައި / ފޮޓޯ: ބީބީސީ ސްކްރީންގްރޭބް

އޮޑީގައި ބޭނުން ކޮށްފައި ވާ ލަކުޑިތައް ފީވެފައި ވީ ނަމަވެސް، ބޯޓުގެ ސިފައަށް މާ ބޮޑު ބަދަލެއް އައިސްފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ. އަދި "ދި އެންޑިއުރަންސް" ގެ ނަންވެސް ސާފުކޮށް ފެންނެއެވެ.

ކަނޑުއަޑީގެ އާސާރުތަކާ ބެހޭ ތަޖުރިބާކާރެއް ކަމަށް ވާ މެންސަން ބައުންޑް ވިދާޅުވީ، މިއީ ލަކުޑިން ހަދާފައިވާ ބޯޓުފަހަރު ފެތިފައިވާ ކޭސްތަކަށް ބަލާއިރު، މިހާ ފުރިހަމަކޮށް ފެނުނު ފުރަތަމަ ކޭސް ކަމަށެވެ.

"ދި އެންޑިއުރަންސް" ހޯދުމުގެ މަސައްކަތް ފެށީ ފޯކްލަންޑްސް މެރިޓައިމް ހެރިޓޭޖް ޓްރަސްޓުން އިސްނަގައިގެންނެވެ.