ބޭންކް އޮފް މޯލްޑިވްސް އިން މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ތ. އަތޮޅު ހިރިލަންދޫގައި މިއަދު އޭޓީއެމް ސެންޓަރެއް ހުޅުވައިފިއެވެ.

ބީއެމްއެލުން ބުނީ، މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ، ސެލްފް ސާވިސް ހިދުމަތް ފުޅާކޮށް ހިރިލަންދޫގައި އޭޓީއެމް ހިދުމަތް ފޯރުކޮށްދެވޭ ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އާންމު ފަރުދުންނާއި ވިޔަފާރިތަކަށް މިއޭޓީއެމްގެ ސަބަބުން ބޭންކިންގ ހިދުމަތް ހޯދުމަށް ލުއިފަސޭހަ ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ހިރިލަންދޫގައި ހުޅުވުނު އޭޓީއެމް ހިދުމަތާއެކު މިވަގުތު ތ. އަތޮޅު ގުރައިދޫ އަދި ވޭމަންޑޫގައި ސެލްފް ސާވިސް ބޭންކިން އާއެކު ގާއިމްކޮށްފައިވާ ބްރާންޗްތައް މެދުވެރިކޮށް ދަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ތިމަރަފުށީގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރެއް ވެސް ވަނީ ގާއިމް ކޮށްފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔާ އެކު 20 އަތޮޅުގައި 35 ބްރާންޗް، 80 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 138 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާ އެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.