ބަންގްލަދޭޝްގެ ދެކުނުއިރުމަތީ ސަރަހައްދުގައި ރޯހިންޔާ ދަރިކޮޅުގެ ރެފިއުޖީން ދިރިއުޅެމުންދާ ކޭމްޕުގައި އަލިފާނުގައި ހާދިސާއެއް ހިނގާ، އުމުރުން 6 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު މަރުވެ، 2000 އެއްހާ މީހުންގެ ގެދޮރު ގެއްލިއެއްޖެއެވެ.

އޮފިޝަލުންނާއި މަންޒަރު ދުށް މީހުން ބުނާ ގޮތުގައި މިއީ ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕުގެ ގޮތުގައި ސިފަކުރަމުން އަންނަ މި ސަރަހައްދުގައި މި އަހަރު ތެރޭގައި ހިނގި، އަލިފާނުގެ 6 ވަނަ ހާދިސާއެވެ.

ކޮކްސް ބާޒާރު ސަރަހައްދުގައި އަންގާރަ ދުވަހު ހިނގި އަލިފާނުގެ ހާދިށާގައި ކުޓުޕަލޯންގް ކޭމްޕުގެ ބައިތައް ވަނީ މުޅިންހެން އަނދާފައެވެ. ކޮކްސް ބާޒާރު ސަރަހައްދަކީ، 2017 ވަނަ އަހަރު މިޔަންމާގައި މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލުއާންމުން ސަލާމަތް ވުމަށް، ރެފިއުޖީންގެ ގޮތުގައި ބަންގްލަދޭޝްއަށް އެތެރެވި މީހުން ދިރިއުޅެމުން އަންނަ ސަރަހައްދެވެ.

އަލިފާނުގެ ހާދިސާގައި ގެދޮރު ގެއްލުނު މީހުންނަށް ވަގުތީ ހިޔާވަހިކަން ހޯދާދީފައި ވާކަމަށް މައުލޫމާތު ލިބެއެވެ.

އަލްޖަޒީރާގެ ތަފާސް ހިސާބުތައް ބުނާ ގޮތުގައި ރޯހިންޔާ ދަރިކޮޅުގެ ރެފިއުޖީންގެ އަދަދު 920994 އަށް އަރައެވެ. 51 ޕަސެންޓަކީ ކުޑަކުދިން ކަމަށް ވާއިރު ދޮށީ އުމުގެ މީހުންގެ ނިސްބަތަކީ 4 ޕަސެންޓްއެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ނިސްބަތަކީ 1 ޕަސެންޓްއެވެ.

ބަންގްލަދޭޝްގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ސޭވް ދަ ޗިލްޑްރަންގެ ކަންޓްރީ ޑައިރެކްޓާ، އޮނޯ ވޭން މަނެން ވިދާޅުވީ، ހިޔާތައް ހަދާފައި ހުންނަނީ ހިކި އޮނާއި ސަތަރަ ބޭނުން ކޮށްގެން ކަމަށާ، މިއީ އިންތިހާ އަވަހަށް އަލިފާން ހިފާ ތަކެތި ކަމަށެވެ. ހިޔާތައް އަޅަން ހުއްދަ ދިނުމުގައި އަލިފާން ހިފުން ދުރު ވަސީލަތްތައް ބޭނުން ކުރުމަށާ، ކުއްލި ހާލަތެއް ދިމާވެއްޖެ ނަމަ، ރައްކާތެރި ހިސާބުތަކަށް ދެވޭނެ އިތުރު އާނގަތައް ގާއިމު ކުރުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

ރެފިއުޖީންނާ ހަވާލު ހުންނަވާ ބަންގްލަދޭޝް ސަރުކާރުގެ އޮފިޝަލު މުޙައްމަދު ޝަމްސާދު ޑޫޒާ ވިދާޅުވީ، އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ އެތައް ގަޑިއިރަކަށް ފަހުގައި ކަމަށެވެ. އަދި ހާދިސާ ހިނގަން މެދުވެރި ސަބަބު ސާފު ނުވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.