ފުރިހަމަ އަސްކަރީ ބާރާއެކު ޔޫކްރައިންއަށް އަރާ، ރަޝިއާއިން ކުރަމުން ދާ ހަނގުރާމައާ ގުޅިގެން ރަޝިއާއާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ތަންފީޒު ކުރަމުން ދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ޗޭނާ، ނަން މަޝްހޫރު އިތުރު ބްރޭންޑްތަކެއް ގުޅިއްޖެއެވެ.
ރަޝިއާއާ ދެކޮޅަށް ފިޔަވަޅު އަޅަމުންދާ ބޮޑެތި ވިޔަފާރިތަކުގެ ލިސްޓަށް އެންމެ ފަހުން އިތުރު ވެފައި ވަނީ މެކްޑޮނާލްޑްސް، ކޮކާކޯލާ އަދި ސްޓާބަކްސްއެވެ.
މެކްޑޮނާލްޑްސް އިން ބުނީ އެ ކުންފުނިން ރަޝިއާގައި އޮޕަރޭޓް ކުރަމުން ދާ 850 އެއްހާ ރެސްޓޯރަންޓް، ވަގުތީ ގޮތުން ބަންދު ކުރާ ކަމަށެވެ. ސްޓާބަކްސްއިންވެސް ވަނީ އެ ކުންފުނިން ރަޝިއާގައި ހިންގާ 100 އައުޓްލެޓެއް ބަންދު ކުރާނެ ކަން އިއުލާން ކޮށްފައެވެ.
މެކްޑޮނާލްޑްސް އިން ބުނީ އެ ކުންފުނިން މިފަދަ ނިންމުމެއް ނިންމީ، ބޭނުމެއް ނެތް ގޮތެއްގައި އިންސާނުންނަށް ތަކުލިފު ޖައްސަމުންދާތީ ކަމަށެވެ. އަދި ރެސްޓޯރަންޓްތައް އަލުން ހުޅުވާނެ ދުވަހެއް ބުނަން އަދި ނޭނގޭ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ރަޝިއާގައި އޮޕަރޭޓް ކުރާ ރެސްޓޯރަންޓްތައް ވަގުތީ ގޮތުން ބަންދު ކުރި ކަމުގައި ވީ ނަމަވެސް، ރަޝިއާގައި މަސައްކަތް ކުރަމުން ދާ 62000 އެއްހާ މުވައްޒަފުންގެ މުސާރަ ހިނގާނެ ކަމަށްވެސް މެކްޑޮނާލްޑްސް އިން ވަނީ ބުނެފައެވެ. ސްޓާބަކްސްއިންވެސް ވަނީ މުވައްޒަފުންނަށް މުސާރަ ދެމުން ދާނެކަން ހާމަކޮށްފައެވެ.
ރަޝިއާގެ އޮޕަރޭޝަންތައް ހުއްޓާލުމަށް މެކްޑޮނާލްޑްސްއާއި ކޮކާކޯލާ ފަދަ ކުންފުނިތަކަށް އޮތީ ޕްރެޝަރު ބޮޑުވެފައެވެ. އެ ކުންފުނިތަކުން ރަޝިއާ ބޮއިކޮޓް ކުރުމަށް ގޮވާލާ ކެމްޕޭންތައް، ސޯޝަލް މީޑިއާގައި ވެސް ވަނީ ޓްރެންޑް ވެފައެވެ.
މަޝްހޫރު، ބޮޑެތި ކުންފުނިތަކާއި ބްރޭންޑްތަކުން މިހާރުވެސް ވަނީ ރަޝިއާގައި އޮޕަރޭޓްކޮށް، ވިޔަފާރި ކުރުން މަޑުޖައްސާލާފައެވެ. އޭގެ ތެރޭގައި ނެޓްފްލިކްސްއާއި ލީވާއިވެސް ހިމެނެއެވެ. ޕެޕްސީއިންވެސް ވަނީ ރަޝިއާގެ އޮޕަރޭޝަންތައް ހުއްޓާލާ، ރަޝިއާގައި ރައުސުލްމާލު އިންވެސްޓް ކުރުމާއި އިޝްތިހާރު ކުރުންވެސް މަޑުޖައްސާލާފައެވެ. ނަމަވެސް، އެ ކުންފުނީގެ ބައެއް ހިދުމަތްތައް ރަޝިއާއަށް ދެމުން ދާނެ ކަން ޕެޕްސީ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
ކޮކާކޯލާއިން ރަޝިއާގެ އޮޕަރޭޝަންތައް މަޑުޖައްސާލިއިރު، އެކުންފުނި އޮޕަރޭޓްކޮށްގެން ލިބޭ އާމްދަނީގެ 2 ޕަސެންޓެއްހާ ފައިސާ ހިއްސާ ކުރަނީ ރަޝިއާއެވެ. ރަޝިއާގައި ހިންގާ ފުޅި ބަންދު ކުރުމާއި ޑިސްޓްރިބިއުޝަން ވިޔަފާރީގެ 20 ޕަސެންޓް ހިއްސާ ކުރަނީ ކޮކާކޯލާ ކުންފުނިންނެވެ.