އެމްޓީސީސީން "ހުވަނަރު ބަސް ޑްރައިވަރު ތަމްރީން ޕްރޮގްރާމް" މިއަދު އިފްތިތާހް ކޮށްފިއެވެ.

މި ޕްރޮގްރާމް އިފްތިތާހް ކުރުމަށް މިއަދު މާފަންނު ބަސް ޓާމިނަލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޗީފް އޮޕްރޭޓިންގ އޮފިސަރު ޝާހިދު ހުސައިން މޫސާ އާއި ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ކުންފުނީގެ ސިޔާސަތަކީ މިންތީގެ ހަމަހަމަކަށް ގާއިމު ކުރުން ކަމަށާއި ވަކި މަސައްކަތްތަކަކީ ހަމައެކަނި ފިރިހެނުން ކުރާ މަސައްކަތްތަކެއްގެ ގޮތުގައި އޮތްއޮތުން ނައްތާލުން ކަމަށެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުޅުވާލެވުނު ހުނަވަރު ޕްރޮގްރާމުން ތަމްރީން ވެގެން އަންހެން ބަސް ޑްރައިވަރަކާއި އަންހެން ބަސް އެޓެންޑެންޓުން ހަރަކާތްތެރިވަމުންދާކަމަށް ޝާހިދު ވިދާޅުވިއެވެ.

އެމްޓީސީސީ ބަސް ޑްރައިވަރު ޕްރޮގްރާމް އިފްތިތާހު ކުރުން

އެމްޓީސީސީން ބުނީ، ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރުގައި އާންމުކޮށް ނުލިބޭ ޓެކްނިކަލް ވަޒީފާތަކަށް މުވައްޒަފުން ތަމްރީން ކުރުމުގެ ގޮތުން އެމްޓީސީސީގެ ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ފުރުސަތު ހުޅުވާލައި، އަންހެން ކުދިންނަށް އިސްކަން ދިނުމަކީ އަންހެނުން ބާރުވެރިކުރުވައި މުޖުތަމައުގައި ހަމަހަމަ ފުރުސަތުތަކެއް ހޯދައި ދިނުމުގެ މަގްސަދުގައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

"ހުނަވަރު ބަސް ޑްރައިވަރ ތަމްރީން ޕްރޮގްރާމް" އަށް ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި އަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރާ އެއްގޮތަށް އެ ކުންފުންޏަކީ ހުރިހާ ދާއިރާއެއްގައި ވެސް އަންހެނުންގެ ދައުރު ފުޅާކޮށް އަދި އަންހެނުން ކުރިއެރުވުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިއޮންނާނެ ކަމުގެ ޔާގީންކަން އެމްޓީސީސީން ދެއެވެ.