ދެޖިންސުގެ މުވައްޒަފުންގެ މެދުގައި ކުންފުނީގައި ހަމަހަމަކަން ގާއިމްކުރުމާއި، ކުންފުނި ހިންގުމުގައި، އަންހެނުންގެ ދައުރު އިތުރަށް ފުޅާކުރުމަށްޓަކައި އެމްޑަބްލިޔުއެސްސީން 5 އަހަރު ދުވަހުގެ މުއްދަތަކަށް ދެމިގެން ދާގޮތަށް ޖެންޑާ މެއިންސްޓްރީމިން ޕްލޭނެއް އެކުލަވާލައިފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، އެ ޕްލޭންގެ ދަށުން، ކުންގުނީގެ އަންހެނުންނަށް ވަޒީފާގެ މައިދާނުން ކުރިޔަށް ދިޔުމުގައި ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަތުމާއި، އެ ގޮންޖެހުންތައް ގިރާ ކުރުމަށް ކުރަން ހަމަޖެހިފައިވާ މަސައްކަތްތައް ދެނެގަނެ އެދެވޭ ހައްލުތަކަކަށް މުސްތަގްބަލްގައި މަސައްކަތް ކުރާނެ ކަމަށެވެ. އަދި މި ޕްލޭންގެ ސަބަބުން އަންހެނުންގެ ދައުރު އިތުރަށް ފުޅާވެގެން ދާނެ ކަމަށް އެ ކުންފުނިން އުންމީދު ކުރާ ކަމަށް ބުނެއެވެ.

އަންހެނުންގެ ދައުރު ފުޅާކުރުމަށް 5 އަހަރު ތެރޭ ހިންގަން ރާވާފައިވާ ކަންކަން:

  • ކުންފުނީގެ ކޮމިޓީތަކާއި ޓީމްތަކުގައި މަދުވެގެން އެއް އަންހެން މުވައްޒަފަކު ހިމެނުން އަދި 05 އަހަރު ދުވަހުގެ ތެރޭގައި 33 ޕަސެންޓަށް ވުރެ ކުޑަ ނުވާހެން މިއަދަދު ދެމެހެއްޓުން
  • ކުންފުނީގެ ސީނިއާ މެނޭޖްމަންޓް ޓީމް އަދި ސުޕަވައިޒަރީ ލެވެލްގައި އަންހެނުންނަށް ހައްގުވެގެންވާ ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން، 5 އަހަރުގެ ޓާގެޓްތަކެއް ހިމެނޭގޮތަށް މި ލެވެލްތަކުގައި އަންހެނުން އިތުރުކުރުމަށް "ވުމަން އިން މެނޭޖްމަންޓް" ގެ ނަމުގައި ޕްރޮގްރާމެއް ހިންގުން
  • ކުންފުނީގެ ހުރިހާ އަންހެން މުވައްޒަފުންނަށް ހުޅުވާލެވިގެން ލީޑާޝިޕް ލެވެލް ތަކަށް ފުރުސަތު ހޯދައި ދިއުމަށްޓަކައި ކުރިއަށް ގެންދެވޭ ޓްރޭނިން ޕްރޮގްރާމްތަކެއް ހިންގުން
  • ކުންފުނީގައި މަސައްކަތް ކުރާ އަންހެނުންގެ ތެރެއިން މެނޭޖްމަންޓްގެ ލެވެލްތަކުގައި މަސައްކަތް ކުރެވޭނެ ގާބިލިއްޔަތުކަން ހުރި ކަމަށް ފާހަގަ ކުރެވިފައިވާ އަންހެން މުވައްޒަފުންނަށް ބޭނުންވާ ހުނަރުތައް އިތުރު ކުރުމަށްޓަކައި ހާއްސަ ޓްރޭނިން ޕްރޮގްރާމްތަކެއް ކުރިޔަށް ގެންދިއުން
  • އަންހެނުން ބާރުވެރި ކުރުމުގެ މަސައްކަތުގައި ފިރިހެނުންގެ ދައުރުގެ މުހިއްމު ކަން އަންގައިދޭ ބައްދަލުވުންތަކެއް ހިންގުން
  • ކުންފުނީގެ އެކިއެކި ޓެކްނިކަލް ފީލްޑްތަކުގައި އަންހެނުންނަށް ހާއްސަކޮށްގެން ޓެކްނިކަލް އެޕްރެންޓިސް ޕްރޮގްރާމް ތަކެއް ފެއްޓުން.
  • "ވޯކް ޕްލޭސް މެންޓަރިން ޕާޓްނާސް ޕްރޮގްރާމް" ގެ ނަމުގައި ކުންފުނީގައި މަސައްކަތް ކުރާ ތަޖުރިބާ ހުރި އަންހެން މުވައްޒަފުންނާއި ކުންފުންޏަށް އަލަށް ވަންނަ އަންހެން މުވައްޒަފުންނާއި ޕާޓްނާ ކޮށްގެން ހިންގޭ ޕްރޮގްރާމެއް ހިންގުން
  • ކުންފުނީގައި ގިންތީގެ ހަމަހަމަކަން ގާއިމް ކުރުމަށް ހުރިހާ އޮފީސް މާހައުލެއްގައި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ބޭނުން ކުރެވޭނެ ހެން ފާހާނަ ހެދުމާއި މަސައްކަތުގައި ބޭނުންކުރާ އާލާތްތައް ވެސް ދެ ޖިންސުގެ މީހުންނަށް ވެސް ބޭނުން ކުރެވޭނެހެން ބަދަލުތައް ގެނެވި ރޭވުން.
  • ފަސް އަހަރުގެ ޓާގެޓް ޕްލޭންގެ ދަށުން ކުންފުނި ހިންގުމާއި، ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމުގެ އިތުރުން، ބޮޑެތި ނިންމުންތައް ނިންމާ ކޮމިޓީތަކާއި ޓީމް ތަކުގައިވެސް މަދުވެގެން 33 ޕަސެންޓް އަންހެން މުއައްޒަފުން ޝާމިލު ވެގެން ދިއުން.

އެމްޑަބްލިއުއެސްސީން ބުނީ މި ޕްލޭން ރޭވުމުގައި އެ ކުންފުންޏަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. އެ ގޮތުން ޓެކްނިކަލް ދާއިރާގައި އަންހެން މުވައްޒަފުންނަށް އޮންނަ ފުރުސަތުތައް ކުޑަވުން އަދި އެ ދާއިރާގައި އަންހެން މުވައްޒަފުން މަދުވުމަކީ ފާހަގަ ކުރެވުނު ކަމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

ހަމައެއާއެކު އަންހެނުން ބާރުވެރި ކުރުމުގައި ފިރިހެނުންގެ ދައުރަކީ ކޮބާކަން ސާފުނުވެ އޮތުމާއި، މަސައްކަތުގެ މާހައުލު ބައްޓަން ކުރުމުގައި ދެޖިންސުގެ މުވައްޒަފުންނަށް އެކަށޭނަ ގޮތަކަށް މަސައްކަތުގެ މާހައުލު ބައްޓަންކޮށްފައި ނެތުމަކީ ވެސް ދިމާވި ބޮޑު ގޮންޖެހުމެއް ކަމަށް އެ ކުންފުނިން ބުނެއެވެ. މީގެ އިތުރުން މެނޭޖްމަންޓް އަދި މެނޭޖްމަންޓުގެ ދައުރު އަދާކުރާ، ކުންފުނީގެ އަސާސީ ގަވާއިދުތަކާއި އުސޫލުތައް ކަނޑައަޅާ މުހިންމު ކޮމިޓީތަކުގައި ދެޖިންސުގެ ދައުރު ހަމަހަމަކޮށްފައި ނެތުމަކީ ވެސް ފާހަގަ ކުރެވޭ ކަމެއް ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.