ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ޓެކްސީ ޑްރައިވަރުން ބޭނުންވާ ގޮތަށް އަގުތަކަށް ސަރުކާރުން ބަދަލު ނުގެނެސްފިނަމަ ބުރާސްފަތި ދުވަހުން ފެށިގެން ޓެކްސީ ދަތުރުތައް ހުއްޓާލާނެ ކަމަށް ޓެކްސީ ޑްރައިވަރުން ބުނެފިއެވެ.

ޓެކްސީ ޑްރައިވަރުން ރޭ ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި ވަނީ ހިމޭން އިހުތިޖާޖެއްވެސް ބާއްވާފައެވެ.

މާލޭ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދެމުން އަންނަ ޓެކްސީ ސެންޓަރުތަކުގެ ފަރާތުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް އިއްޔެ ފޮނުވި ސިޓީއެއްގައި ވަނީ ޓެކްސީގެ އަގަށް ބަދަލު ގެނެސްދޭން އެދިފައެވެ. އަދި 5 ދުވަހުގެ ތެރޭގައި ވަކި ގޮތެއް ނުނިންމައިފި ނަމަ، ދަތުރުތަކުގެ އަގު ބޮޑުކުރާނެ ކަމުގެ އިންޒާރު ޓެކްސީ ސެންޓަރުތަކުން ދިނެވެ. އެއާއެކު، މިނިސްޓްރީން ވަނީ މިހާރު ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގު ނަގާ ނަމަ، ޓެކްސީ ސެންޓަރުތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ. އެހެންކަމުން ޓެކްސީ ސެންޓަރުތަކުން މިހާރު ނިންމާފައި ވަނީ ދަތުރުތައް މެދުކަނޑާލުމަށެވެ.

ޓެކްސީ ސެންޓަރުތަކުން ޓެކްސީ ހިދުމަތްތަކުގެ އަގު ބޮޑުކުރަން ނިންމާފައި ވަނީ ތެލުގެ އަގުތައް އުފުލިފައި ވުމުން ކަމަށް ވާއިރު، ޓެކްސީ ސެންޓަރުތަކުން ބޭއްވި ބައްދަލުވުމުގައި މިދިޔަ ހޮނިހިރު ދުވަހު ފާސްކޮށްފައި ވަނީ:

  • މާލޭގެ އެތެރޭގެ ދަތުރުތައް: 30ރ
  • ހުޅުމާލޭގެ ދެ ފިޔަވަހީގެ އެތެރޭގެ ދަތުރުތައް: 25ރ
  • ހުޅުމާލެ ދެ ފިޔަވަހި ދެމެދު ކުރާ ދަތުރުތައް: 40ރ
  • މާލެ ނުވަތަ ހުޅުމާލެ އާއި އެއާޕޯޓާ ދެމެދު ކުރާ ދަތުރުތައް: 80ރ
  • މާލެއާއި ހުޅުމާލެ ފުރަތަމަ ފިޔަވައްސާ ދެމެދު ކުރާ ދަތުރުތައް: 100ރ
  • މާލެއާއި ހުޅުމާލެ ދެވަނަ ފިޔަވައްސާ ދެމެދު ކުރާ ދަތުރުތައް: 120ރ
  • މާލެ ނުވަތަ ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ސީޕްލޭން ޓާމިނަލާ ދެމެދު ކުރާ ދަތުރުތައް: 100ރ
  • ހުޅުމާލެ ދެވަނަ ފިޔަވައްސާއި ސީޕްލޭން ޓާމިނަލާ ދެމެދު ކުރާ ދަތުރުތައް: 120ރ

އޭގެ އިތުރުން، ދަންވަރު 12 އިން ފެށިގެން ހެނދުނު 6 އަށް ކުރާ ދަތުރުތަކަށް ފަސް ރުފިޔާ އިތުރަށް ނެގުމަށާއި، ޕްރައިވެޓް ހަޔާގެ ދަތުރުތަކަށް ގަޑިއިރަކަށް 250ރ ނަގަންވެސް ފާސްކޮށްފައި ވެއެވެ.