މާލޭން ޓެކްސީއަކަށް އެރި އަންހެނަކަށް ޓެކްސީ ޑްރައިވަރަކު ގަދަކަމުން ޖިންސީ ގޯނާކުރި ކަމުގެ ތހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 3 ދުވަސް ޖަހައިފިއެވެ.

ފުލުހުން އިއްޔެ ވަނީ 20 އަހަރުގެ އަންހެން މީހާ ހުޅުމާލެ ދެވަނަ ފިޔަވައްސަށް ގެންގޮސް، ޖިންސީ ގޯނާކުރި މައްސަލައެއް މިމަހު 7 ވަނަ ދުވަހުގެ ދަންވަރު 12:50 ހާއިރު ހުށަހަޅާފައިވާ ކަމަށް ބުނެފައެވެ.

އެމައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އޭނާގެ ބަންދަށް 3 ދުވަހުގެ މުއްދަތެއް ހުޅުމާލެ ކޯޓުން އިއްޔެ ދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން މީހާ ޓެކްސީއަށް އަރާފައި ވަނީ މާލޭގެ ހެންވޭރުގެ ގެއަކުން މާފަންނުގައި ހުންނަ ގެއަކަށް ދިއުމަށެވެ. ނަމަވެސް، މާފަންނަށް ދިއުމުގެ ބަދަލުގައި ޑްރައިވަރު ވަނީ އަންހެން މީހާ ޓެކްސީއަށް އެރުމާއެކު ޓެކްސީގެ ދޮރުތައް ލޮކްކޮށް، ގަދަކަމުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗަށް ގެންގޮސްފައެވެ.