ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން، ޓެކްސީ ދަތުރުތަކުގެ އަގު ވަގުތީގޮތުން މުރާޖައާ ކޮށްދިނުމަށް އެދި، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ޓެކްސީ ޑްރައިވަރުން މިއަދު ހުށަހަޅައިފިއެވެ.

މާލޭގައި ޓެކްސީގެ ހިދުމަތް ދެމުން ގެންދާ ހުރިހާ ސެންޓަރުތަކުން މިދިޔަ ހޮނިހިރު ދުވަހުގެރޭ ބޭއްވި ބައްދަލުވުމުގައި ޓެކްސީތަކުން ދަތުރުފަތުރު ކުރާނެ އަގުތަށް ބޮޑުކުރުމަށް ނިންމުމަށާއި، އެ އަގުތަކާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީ އާ ވާހަކަ ދައްކައި، މިނިސްޓްރީން ވަކި ގޮތަކަށް ނުނިންމި ނަމަވެސް، ބުރާސްފަތި ދުވަހުން ފެށިގެން ހުރިހާ ސެންޓަރުތަކުން އިއްތިފާގުވާ އަގެއްގައި ދަތުރުފަތުރު ކޮށްދިނުމަށް ފާސްކޮށްފައިވެއެވެ.

16 ޓެކްސީ ސެންޓަރެއްގެ އިސްވެރިންގެ ސޮޔާއެކު މިދިޔަ މަހުގެ 23 ގައި ޓްރާންސްޕޯޓް މިނިސްޓްރީއަށް ފޮނުވި ސިޓީގައި ސެންޓަރުތަކުން ވަނީ، ޓެކްސީ ހިދުމަތުގެ ދާއިރާއަށް ދިމާވެފައިވާ ދަތިތަކާއި، ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދާ ދަނޑިވަޅެއްގައި އައިސްފައިވާ ބަދަލުތަކާ ގުޅިގެން، ގިނަ ކަންކަމާ މެދު މަޝްވަރާކުރެވި ގޮތްތައް ނިންމާފައިވާ ކަމަށެވެ.

އެ ސިޓީގައި ޓެކްސީ ސެންޓަރުތަކުން ނިންމާފައިވާ ބައެއް ކަންކަން:

  • ޓެކްސީތަކުގައި މީޓަރު ބޯޑު ހަރުކުރުމަށް ހަމަޖައްސައި ކަނޑައެޅުމަށް
  • ޓެކްސީ ޑްރައިވަރުންނަށް ދިމާވާ ދަތިތަކާ މެދު މަޝްވަރާކޮށް އެ ކަންތައްތަކަށް ހައްލެއް ހޯދައިދިނުމަށް އެދި މިނިސްޓަރާ އެކު ބައްދަލުވުމެއް ބޭއްވުން
  • މިނިސްޓްރީއަށް އެ ސިޓީ ލިބޭ ތާރީހުން ފެށިގެން ފަސް ދުވަހުގެ ތެރޭ ބައްދަލުވުން ބާއްވާނެ ތާރީހެއް އެންގުން، ނޫނީ މިނިސްޓްރީއަށް ގޮސް ބައްދަލުކުރުން

ޓެެކްސީ ސެންޓަރުތަކުން ބުނި ގޮތުގައި، މިނިސްޓަރު ނަހުލާ އާއި ޑްރައިވަރުން ބައްދަލުކުރަން ނިންމާފައިވަނީ ޓެކްސީގެ ހިދުމަތަށް ދިމާވެފައިވާ ގޮންޖެހުންތައް ހުރުމުންނާއި، ހިދުމަތުގައި އުޅޭ ޑްރައިވަރުންގެ ހައްގުތައް ގެއްލިފައިވާ ކަމަށް ގަބޫލު ކުރެވޭތީ އާއި، މިނިސްޓްރީގެ ބައެއް އަމަލުތަކުގެ ސަބަބުން މިނިސްޓްރީ އާ މެދު ގެއްލިފައިވާ އިތުބާރާއި، ޓެކްސީތަކަށް އާންމުންގެ އިތުބާރުވެސް ގެއްލިފައިވާތީއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެރޭ މާލޭގައި ޓެކްސީގެ ހިދުމަތް ދެމުން ގެންދާ ހުރިހާ ސެންޓަރުތަކެއްގެ އިސްވެރިން ބޭއްވި ބައްދަލުވުމުގައި 14 ސެންޓަރަކުން ބައިވެރިވެފައި ވާއިރު، އެ ބައްދަލުވުމުގައި ސެންޓަރުތަކުން ވަނީ ތެލުގެ އަގަށް އައި ބަދަލުތަކާ ގުޅިގެން، ޓެކްސީން ދެމުން ދާ ހިދުމަތްތަކުގެ އަގުތައް ބޮޑުކުރުމަށް ނިންމާފައެވެ

ޓެކްސީ ސެންޓަރުތަކުން ފާސްކޮށްފައިވާ އަގުތައް؛

  • މާލޭގެ އެތެރޭގެ ދަތުރުތައް: 30ރ
  • ހުޅުމާލޭގެ ދެ ފިޔަވަހީގެ އެތެރޭގެ ދަތުރުތައް: 25ރ
  • ހުޅުމާލެ ދެ ފިޔަވަހި ދެމެދު ކުރާ ދަތުރުތައް: 40ރ
  • .މާލެ ނުވަތަ ހުޅުމާލެ އާއި އެއާޕޯޓާ ދެމެދު ކުރާ ދަތުރުތައް: 80ރ
  • މާލެއާއި ހުޅުމާލެ ފުރަތަމަ ފިޔަވައްސާ ދެމެދު ކުރާ ދަތުރުތައް: 100ރ
  • މާލެއާއި ހުޅުމާލެ ދެވަނަ ފިޔަވައްސާ ދެމެދު ކުރާ ދަތުރުތައް: 120ރ
  • މާލެ ނުވަތަ ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ސީޕްލޭން ޓާމިނަލާ ދެމެދު ކުރާ ދަތުރުތައް: 100ރ
  • ހުޅުމާލެ ދެވަނަ ފިޔަވައްސާއި ސީޕްލޭން ޓާމިނަލާ ދެމެދު ކުރާ ދަތުރުތައް: 120ރ

އޭގެ އިތުރުން، ދަންވަރު 12 އިން ފެށިގެން ހެނދުނު 6 އަށް ކުރާ ދަތުރުތަކަށް ފަސް ރުފިޔާ އިތުރަށް ނެގުމަށާއި، ޕްރައިވެޓް ހަޔާގެ ދަތުރުތަކަށް ގަޑިއިރަކަށް 250ރ ނަގަންވެސް ފާސްކޮށްފައި ވެއެވެ.

ޓެކްސީ ޑްރައިވަރުންގެ މައިގަނޑު ކަންބޮޑުވުމަކީ ތެލުގެ އަގު އުފުލުމުގެ ސަބަބުން، ކާރުތަކުގެ މެއިންޓަނެންސާއެކު، ޖުމްލަ ހަރަދަށް ނަގާފައި ބާކީވާ ބައި މަދުވުމެވެ. ތެލުގެ އަގު އުފުލުމުގެ ސަބަބުން ޓެކްސީތަކުގެ އިތުރުން އާންމުންނަށްވެސް ހަރަދު ބޮޑުވެގެން ދެއެވެ.

މިކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، އެ މިނިސްޓްރީން ޓެކްސީ ދަތުރު ކުރުމުގައި ނެގޭނެ އެންމެ ބޮޑު ފީ ކަނޑާއަލާފައިވާ އިރު އެ ފީއަށް ވުރެ މަތިން އަގު ނަގާނަމަ އެ ބަޔަކާ މެދު ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ.