ޓެކްސީ ދަތުރުތައް ކޮށްދޭ އަގުތައް ބޮޑުކުރާނެ ކަމަށް ބުނެ ޓެކްސީ ޑްރައިވަރުން ދިން އިންޒާރަށް ޓްރާންްސްޕޯޓް މިނިސްޓްރީން ރައްދު ދީފިއެވެ.

މާލޭ ސަރަހައްދުގައި ޓެކްސީގެ އަގުތައް ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީން ރަސްމީކޮށް ބޮޑުނުކޮށްފި ނަމަ މާޗް 10 ވަނަ ދުވަހުން ފެށިގެން އަގުބޮޑުކޮށް ދަތުރުތައް ފަށާނެ ކަމަށް ބުނެ މާލޭ ސަރަހައްދުގައި ޓެކްސީ ދުއްވާ ސެންޓަރުތަކުން ވަނީ މިއަދު އިންޒާރެއް ދީފައެވެ. އެގޮތަށް ނިންމީ ޓެކްސީ ސެންޓަރުތަކުގެ ވެރިން ރޭ ބޭއްވި މަޝްވަރާ ބައްދަލުވުމަކަށް ފަހުއެވެ.

މިކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، އެ މިނިސްޓްރީން ޓެކްސީ ދަތުރު ކުރުމުގައި ނެގޭނެ އެންމެ ބޮޑު ފީ ކަނޑާއަލާފައިވާ އިރު އެ ފީއަށް ވުރެ މަތިން އަގު ނަގާނަމަ އެ ބަޔަކާ މެދު ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ.

މިދިޔަ އަހަރުގެ މާޗް މަހު އެ މިނިސްޓްރީން ވަނީ ޓެކްސީ ކުރަން ނިންމާފައިވާ އަގުތައް ހިއްސާކޮށްފައެވެ. އެ ދުވަހަށް ފަހު މިހާތަނަށް ޓެކްސީ ތަކުން ފީއެއްގެ ގޮތުގައި ނަގަމުން އައީ އެ އަގުކަން ފާހަގަ ކޮށްލެވެއެވެ. ޓްރާންސޕޯޓުން ކަނޑައަޅާފައިވާ އަގުތަކަށް ބަލާއިރު، މާލެއިން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ޓެކްސީ ދަތުރު ކުރާނަމަ ނަގަން ޖެހޭނީ 90 ރުފިޔާއެވެ. މާލެ-ހުޅުމާލެ 75 ރުފިޔާ، މާލެ-ހުޅުލެ 60 ރުފިޔާ އަދި ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ދެވަނަ ފިޔަވައްސަށް ދަތުރު ކުރާނަމަ ނަގަން ޖެހޭނީ 40 ރުފިޔާއެވެ.

މާލޭގެ މަގުމަތީގައި ކާރެއް ދުއްވާފައި ދަނީ / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

އެއަށްފަހު އެތެރޭގެ ދަތުރުތަކަށް 25 ރުފިޔާގެ ގޮތުގައި ހަމަޖައްސައި ރޭގްނޑު 12 ގެ ފަހުން ހެނދުނު 6 އާ ދެމެދު ކުރާ ދަތުރުތަކަށް ކަނަޑައަޅަަފައިވާ އަގުގެ އިތުރަށް 5 ރުފިޔާއަށް ވުރެ އިތުރަށް ނުނެގޭނެ ކަމަށް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.

ޓްރާންސްޕޯޓުން މިގޮތަށް އަގުތައް ކަނަޑައަޅާފައި ވީ ނަމަވެސް ޓެކްސީ ދަތުރުތަކުގެ އަގު މަތިކުރަން ޑްރައިވަރުން ޑިމާންކުރާ އަގުތަކަށް ބާޅައިރު މާލޭ ސިޓީގެ އެތެރޭގެ ދަތުރުތަކަށް 30 ރުފިޔާ، ހުޅުމާލެ ފޭސް އެކެއްގެ އެތެރޭގެ ދަތުރުތަކަށް 25 ރުފިޔާ، ހުޅުމާލެ ފޭސް ދޭއްގެ އެތެރޭ ދަތުރުތަކަށް 25 ރުފިޔާއެވެ.

މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް ކުރާ ދަތުރަކަށް 100 ރުފިޔާ، މާލެއިން އެއާޕޯޓަށް ނުވަތަ އެއާޕޯޓުން މާލެއަށް ކުރާ ދަތުރަކަށް 80 ރުފިޔާ، ހުޅުމާލެއިން އެއާޕޯޓަށް ނުވަތަ އެއާޕޯޓުން ހުޅުމާލެއަށް ކުރާ ދަތުރަކަށް 80 ރުފިޔާ، ހުޅުމާލެ ފޭސް ދޭކުން މާލެ ނުވަތަ މާލެ އިން ހުޅުމާލެ ފޭސް ދޭކަށް ކުރާ ދަތުރަކަށް 120 ރުފިޔާ އެވެ. ހުޅުމާލެ ފޭސް އެކަކުން ހުޅުމާލެ ފޭސް ދޭކަށް ކުރާ ދަތުރަކަށް 40 ރުފިޔާ، މާލެއިން ސީޕްލޭން ޓާމިނަލަށް 100 ރުފިޔާ، ހުޅުމާލެއިން ސީޕްލޭން ޓާމިނަލަށް 100 ރުފިޔާ އަދި ހުޅުމާލެ ފޭސް 2 އިން ސީޕްލޭން ޓާމިނަލަށް 120 ރުފިޔާއެވެ.