2015 ވަނަ އަހަރު ސުޕްރީމް ކޯޓުން ބެލި މައްސަލަައެއްގައި އޭރު އެ ކޯޓުގައި ހުންނެވި ފަނޑިޔާރަކު މައްސަލަ ވަކޮގޮތަކަށް ނިންމައިދޭނެ ކަމަށް ބުނެ 2 މިލިއަން ރުފިޔާގެ ރިޝްވަތަކަށް އެދުނު ކަމަށް މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގައި މީހަކު ބުނެފިއެވެ.
ކުރީގެ ސުޕްރީމް ކޯޓުން މި މައްސަލައިގައި ހުކުމް ކުރެއްވީ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ހިމެނިވަޑައިގެންނެވި ބެންޗަކުންނެވެ. މިއީ ހ. ވާލީވިލާ ފާތިމަތު ފަރީދާ، މުހައްމަދު ޝަވީދު، ހައުލަތު ފަހީމް، އަހުމަދު ޝިޔާމް، އައިމިނަތު އަޝްފާ، މަރްޔަމް ޝިފާ، އަލީ ޝިޔާމް އަދި ހަސަން ޝިޔާމްގެ މައްޗަށް، މި މީހުންގެ ހިއްސާ އޮންނަ އެރިއަދޫ އައިލެންޑް ރިސޯޓާއި ވިލަމެންދޫ އައިލެންޑް ރިސޯޓްގައި ބޭނުންކުރި ލޯންޗަކާއި ދޯންޏެއްގެ 14 އަހަރުގެ ކުއްޔަށްވާ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އެ އުޅަނދުތަކުގެ ވެރިފަރާތް ކަމަށްވާ މުހައްމަދު އަނީސް ކުރި ދައުވާއެކެވެ.
މި ދައުވާ 2008 ވަނަ އަހަރު އޭރުގެ މަދަނީ ކޯޓަށް ހުށަހެޅުމުން ހުކުމްކޮށްފައި ވަނީ އަނީސްއާ އެއްކޮޅަށެވެ. މި ހުކުމާ މެދު ހިތްހަމަނުޖެހިގެން، ދައުވާ ލިބުނު މީހުންގެ ތެރެއިން ޝަވީދު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ވެސް ނިންމީ ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ. އެހެންވެ ޝަވީދުގެ ފަރާތުން ސުޕްރީމް ކޯޓުގައި މި މައްސަލަ އިސްތިއުނާފު ކުރުމުން 2015 ވަނަ އަހަރު ހުކުމް ކުރީ ދަށު ކޯޓާއި ހައި ކޯޓުގެ ހުކުމް ބާތިލް ކުރުމަށެވެ. ކުއްޔަށް ދީފައިވާ ލޯންޗަކީ އަނީސްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ އުޅަނދަކަށް ވިޔަސް އޭގެ އަސްލު މިލްކުވެރިންނަކީ މަރްހޫމް މޫސާ ފަހީމްގެ ވާރިސުން ކަމަށާއި މައްސަލާގައި ހިމެނޭ ދޯނިން އެއްވެސް ކުއްޔެއް ދިނުމަށް، ދައުވާ ލިބޭ ފަރާތްތަކަށް އަންގާނެ ތަނެއް ނެތް ކަމަށް އެ ހުކުމުގައި ވެއެވެ.
މިއަދު ބޭއްވީ މި މައްސަލަ އަލުން ބަލައިދޭން އަނީސްގެ ފަރާތުން ހުށަހެޅުމުން އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ. މައްސަލަ އަލުން ބަލައިދޭން އެދި ހުށަހެޅި ސަބަބުތަކާ ބެހޭ ގޮތުން އަނީސްގެ ވަކީލުން ވާހަކަ ދެއްކެވުމަށް ފަހު އަނީސަށް ފުރުސަތު ދިނުމުން އޭނާ ބުނީ، މި މައްސަލަ އޭރު ހިނގަމުން ދިޔައިރު ފަނޑިޔާރެއްގެ ފަރާތުން މީހަކު އޭނާ ގާތަށް ފޮނުވައި ބައްދަލުކޮށް ދެ މިލިއަން ރުފިޔާ ދީފިނަމަ އޭނާ ކޮޅަށް މި މައްސަލަ ނިންމައިދޭނެ ކަމަށެވެ. ނަމަވެސް އެ ހުށަހެޅުން ގަބޫލު ނުކުރާ ކަމަށާއި ގާނޫނުއަސާސީ އާއި އުސޫލުތަކާ އެއްގޮތަށް މައްސަލަ ނިންމައިފި ނަމަ އޭނާއާ އެއްކޮޅަށް މައްސަލަ ނިމޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އަނީސް ބުނެއެވެ. ރިޝްވަތަށް އެދުނު މައްސަލައިގައި އިތުރު ހެކި ބޭނުންވާ ނަމަ އެ ހެކި ވެސް ލިބޭނެ ކަމަށާއި ފަނޑިޔާރު ފޮނުވައިގެން އައީ ކާކުކަން ވެސް އެނގޭ ކަމަށާއި ތެދުބަހުން ވާހަކަ ދައްކާ ނަމަ އޭނާވެސް (އައި މީހާ) އެއްބަސް ވާނެ ކަމަށް އަނީސް ބުނެއެވެ
އަނީސް ތުހުމަތުކުރާ ގޮތުގައި މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި ޝަވީދު އާއި ރިޝްވަތަށް އެދުނު ފަނޑިޔާރު ބައްދަލުވުންތަކެއް ބޭއްވިއެވެ. އަދި ޕްލެޓިނަމް ކެޕިޓަލް ހޯލްޑިން އިން އިމާރާތް ކުރި އެޕާޓްމަންޓްތަކުގެ ތެރެއިން އެޕާޓްމަންޓެއް ވެސް އެ ފަނޑިޔާރަށް ލިބުނު ކަމަށް އޭނާ ބުނެއެވެ. ޕްލެޓިނަމް ކެޕިޓަލް އަކީ މި މައްސަލަ ރައްދުވި އެންމެންގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.
މިއަދު މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުންގެ ރިޔާސަތުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަނީ، އޭނާ ތުހުމަތު ކުރި ކަންކަން އެއްވެސް މުއައްސަސާއަކަށް ހުށަހެޅިންތޯ ސުވާލު ކުރެއްވައި، ސުޕްރީމް ކޯޓުން ކުރިން މައްސަލަ ނިންމި ގަޒިއްޔާގައި މި ވާހަކަތައް އެނގެން ނެތް ކަމަށް ވިދާޅުވެފައެވެ.
އަނީސް ބުނީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އާއި އުއްތަމަ ފަނޑިޔާރަށް ވެސް އެކަން އަންގައި ސިޓީ ފޮނުވި ކަމަށެވެ.
ފަނޑިޔާރުންގެ ސުލޫކީ މައްސަލަަތައް ހުށަހަޅަން އޮންނަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ކަމަށާއި އެތަނަށް މައްސަލަ ހުށަހެޅިންތޯ މަހާޒް ސުވާލު ކުރެއްވުމުން އަނީސް ބުނީ، ޖޭއެސްސީގައި ވަރަށް ގިނަ ޝަކުވާތައް ކޮށްފައިވާނެ ކަމަށެވެ. އެތަނުން ޖަވާބުގައި، މައްސަލަ ބަލާ ބެންޗުން އޭރު ތިބި ފަނޑިޔާރުން ވަކިވެފައި ވާތީ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތް ބުނެފައި ވަ ކަމަށެވެ.
މި ތުހުމަތާ ގުޅޭ ގޮތުން، އިސްތިއުނާފް ރައްދުވާ ފަރާތުން މިއަދު އެއްވެސް ވާހަކައެއް ނުދައްކައެވެ. އަދި މި މައްސަލަ އަލުން ނުބެލޭނެ ކަމަށް ނިންމަން އެދި މި މައްސަލަ ވަނީ ކުރިން ރަނގަޅަށް ނިންމާފައި ވާ ކަމަށް އެ ފަރާތުން ބުނެއެވެ.