އިނގިރޭސިވިލާތުގެ ޒުވާން ޝާއިރު އަދި ލަވަކިއުންތެރިޔާ އެޑް ޝީރަންގެ މަޝްހޫރު ލަވަ "ޝޭޕް އޮފް ޔޫ"ގެ ޅެމަކީ، އެހެން ލަވައަކުން ބަސްތައް ނަގައިގެން ހަދާފައި ޅެމެއް ކަމަށް ބުނާ މައްސަލައިގެ ކޯޓު އަޑުއެހުންތައް ކުރިއަށް ގެންގޮސްފިއެވެ.

"ޝޭޕް އޮފް ޔޫ"ގެ ޅެމަކީ، އެހެން ލަވައަކުން ބަސްތައް ނަގައިގެން ހަދާފައި ޅެމެއް ކަމަށް ބުނެ ހުށަހަޅާފައިވާ ކޮޕީރައިޓްގެ ދައުވާއަށް އެޑް ޝީރަން ދަނީ އިންކާރު ކުރަމުންނެވެ.

އެޑް ޝީރަންއާ ދެކޮޅަށް ދައުވާ ކުރަމުން ދަނީ ލަވަ ހަދާ 2 މީހުން ކަމަށް ވާ ސާމީ ޗޮކްރީއާއި ރޮސް އޯ ޑޯނަހިއުއެވެ. އެ ދެމީހުން ބުނާ ގޮތުގައި 2017 ވަނަ އަހަރު ހިޓަކަށް ވި "ޝޭޕް އޮފް ޔޫ" އަކީ، އެ 2 މީހުންގެ މަސައްކަތެއް ކަމަށް ވާ "އޯ ވައި" ތަންކޮޅުކޮޅު ނަގައިގެން ހަދާފައި ވާ ލަވައެކެވެ. ޅެމުގެ އިތުރުން މިއުޒިކްގަނޑުގައިވެސް އެއްގޮތް ކަމެއް ހުރި ކަމަށް ދައުވާ ކުރެއެވެ.

ކޯޓު މަރުހަލާގެ އަޑުއެހުންތައް 3 ހަފުތާއެއްހާ ދުވަހަށް ދެމިގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ. އެޑް ޝީރަންގެ ވަކީލުން ވަނީ، އެޑް ޝީރަންއާއެކު "ޝޭޕް އޮފް ޔޫ" ލިޔުނު ފަންނުވެރިން، އެ ލަވަ ލިއުމުގެ ކުރިން، "އޯ ވައި" އަޑުއިވިފައި އޮތް ކަމުގެ ހަނދާން ނުވާ ކަމަށް ބުނެފައެވެ.

ކޮޕީ ރައިޓްގެ މައްސަލަ ފެންމަތިވުމާއެކު، "ޝޭޕް އޮފް ޔޫ"ގެ ރޯޔަލްޓީ، އެޑް ޝީރަންއަށް ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެޑް ޝީރަންއަކީ އޭނާގެ ލަވަތަކުގައި އެހެން މީހުންގެ އުފެއްދުންތަކުން އެކި ބައިތައް ބޭނުން ކުރާ ކަމުގެ ތުހުމަތު، ތަކުރާރު ކޮށް އަމާޒު ވަމުން އަންނަ ތަރިއެކެވެ.