ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބ. ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކޮށް ދައުވާ އުފުލާފައިވާ 11 ބިދޭސީންގެ ޝަރީއަތް ނިންމައި، އިއްވި ޖަލު ހުކުމްތަކުގެ މުއްދަތުގައި ތަންފީޒު ކުރާނެ މުއްދަތެއް ނެތުމުން އެ އެންމެން މިނިވަންވެއްޖެއެވެ.

މި 11 ބިދޭސީންނަށް މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވެއެވެ. އެ ދައުވާއަށް ހުރިހާ ބިދޭސީން އިއުތިރާފްވެފައި އޮތުމުން ހުކުމް އިއްވީ އަވަސް ނިޔާގެ ދަށުންނެވެ. މި ގޮތުން އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ. އަދި އެންމެ ބިދޭސީއެއް ފިޔަވައި ދެން ތިބި 10 ބިދޭސީންގެ މައްޗަށް ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު މި ދައުވާތަކަށް ވެސް ބިދޭސީން ވަނީ އިއުތިރާފްވެފައެވެ. އެހެންވެ އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ.

ހަތަރު ބިދޭސީއެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާ އުފުލާފައިވެއެވެ. މި ދައުވާއަށް އިއުތިރާފްވެފައިވާއިރު، ހަތަރު ބިދޭސީންގެ މައްޗަށް އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ.

މީގެ އިތުރުން އެއް ބިދޭސީއެއްގެ މައްޗަށް ވަނީ ފުލުހަކަށް ހަމަލާ ދިނުމުގެ ތުހުމަތުގައި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވެއެވެ. މި ދައުވާއަށް އިއުތިރާފްވުމުން އަވަސް ނިޔާގެ ދަށުން ހަ މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ.

އެ ހަމަނުޖެހުންތަކުގައި އެތަނުގައި ތިބި ދިވެހީން ރަހީނުކޮށް ރަށުގެ އެކި ތަންތަނަށް ވަނީ ގެއްލުންދީފައެވެ. އެ ބިދޭސީން ހަމަނުޖެހުންތައް ހިންގައިފައިވަނީ އެ ބިދޭސީންތަކަށް އެތައް މަހެއް ވަންދެން މުސާރަދީފައިނުވާތީއެވެ.

މި މައްސަލައާއި ގުޅިގެން އެ ބިދޭސީން ގެންގުޅުނު ރިޒް ކުންފުނީގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ މައްޗަށް ހިއުމަން ޓްރެފިކިންގެ ދައުވާ އުފުލައި، އެ ދައުވާގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ފަށައިގެން ހިނގަމުން އެބަދެއެވެ.