19 ބިދޭސީންގެ ވަކީލުންގެ ނަމުގައި މަސައްކަތް ކުރާ މީހުންގެ ސުލޫކީ މައްސަލަ ބާ ކައުންސިލަށް ހުށަހަޅަން ފުލުހުން ނިންމައިފިއެވެ.

ފުލުހުން ބުނީ، ބ. ބޮޑުފިނޮޅު މައްސަލައިގައި، 19 ބިދޭސީންގެ ވަކީލުންގެ ނަމުގައި ވަކާލާތު ކުރަމުން އަންނަ މަދު ވަކީލުންތަކެއްގެ ފަރާތުން ގާނޫނުގައި ވަކީލުން ކޮށްގެން ނުވާނެ ކަމަށް ކަނޑައަޅާފައިވާ އެތައް ސުލޫކީ މައްސަލަައެއް ފާހަގަ ކުރެވިފައި ވާ ކަމަށެވެ. އަދި ފުލުހުންގެ މަސައްކަތަށް ދަތިކޮށް ހަގީގަތާ ހިލާފު ވާހަކަ ފަތުރައި ފުލުހުންގެ ތަސައްވަރު ކިލަނބު ކުރުމަށް މަސައްކަތް ކުރަމުން ގޮސްފައިވާތީ ކަމަށް ބުނެ ބާ ކައުންސިލަށް އެ މައްސަލަ ހުށަހަޅަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ބޮޑުފިނޮޅު މައްސަލައިގައި ހައްޔަރުކުރި ބިދޭސީންގެ ތެރެއިން 5 މީހަކަށް ދައުލަތުން އައްޔަން ކޮށްފައި ވާ ވަކީލުން ހަމަޖެހިފައިވާ ކަމަށާއި 5 މީހަކަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ފަރާތުން 5 ވަކީލުން އައްޔަން ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ހައްޔަރު ކުރި 19 ބިދޭސީންގެ ވަކީލުންގެ ނަމުގައި ވަކި ވަކީލުންތަކެއް ވާހަކަ ދައްކާ ނޫސްބަޔާން ނެރެމުން ދަނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވާ 19 ބިދޭސީންގެ ތެރެއިން 10 ބިދޭސީންނަށް ވަކި ވަކީލުންތަކެއް އައްޔަންކޮށްފައި ވަނިކޮށް ކަމަށް ފުލުހުން ބުނެއެވެ. އަދި އެ 10 ވަކީލުންގެ ފަރާތުން މައުލޫމާތު ސާފުކުރުމެއް ނެތި އަދި އެ ވަކީލުންނާ އެއްވެސް މައުލޫމާތެއް ހިއްސާކުރުމެއް ނެތި ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، ބ. ބޮޑުފިނޮޅު މައްސަލައާ ގުޅިގެން ހައްޔަރު ކުރި 19 ބިދޭސީންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައަލާފައިވާ އިޖުރާއަތުތަކާއި އެއްގޮތަށް ހުށަހަޅައިގެން ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ހައްޔަރު ކުރެވުނު މީހުންނަށް އައްޔަން ވި ބައެއް ވަކީލުން 19 ބިދޭސީންގެ ނަމުގައި އެ ބިދޭސީންގެ ވަކީލުން ކަމުގައި ބުނެ ސޯޝަލް މީޑިއާއާއި މީޑިއާގެ އެހެނިހެން ވަސީލަތްތައް ބޭނުން ކޮށްގެން މި މައްސަލައިގެ ތަހުގީގާއި ފުލުހުންގެ މުއައްސަސާއާއި، ބޮޑުފިނޮޅުގައި ހިނގާދިޔަ ހަމަނުޖެހުމާ ގުޅުވައިގެން ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފަތުރައި ފުލުހުންގެ މަސައްކަތާ މެދު ނުބައި ތަސައްވުރެއް އުފެއްދުމަށް މަސައްކަތް ކުރަމުން ދާކަން ފާހަގަކުރެވިފައި ވާ ކަމަށް ފުލުހުން ބުނެއެވެ.

މިއަދު 19 ބިދޭސީންގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކަރެކްޝަނަލް ސާވިސް އާއި އިމިގްރޭޝަންގެ ފަރާތުން ގާނޫނީ ވަކީލުންގެ ބައްދަލުވުންތަކަށް އެކި ގޮތްގޮތުން ހުރަސްއެޅުމުގެ ގޮތުން ތަފާތު އެކި ވެރިންގެ ހުއްދަ ހޯދަންޖެހޭ ކަމަށެވެ. އަދި ބަންދު ދުވަސްތަކުގައި ބައްދަލު ނުކުރެވޭނެކަމަށް ބުނެ ވަކީލުންގެ ދައުރަށް ހުރަސްއަޅައި ގާނޫނީ ވަކީލުގެ އެހީތެރިކަން ލިބުމުގެ އަސާސީ ހައްގުން އެމީހުން މަހުރޫމް ކުރަމުން ދާކަންވެސް އެ ބަޔާނުގައި ވެއެވެ. ހަމައެއާއެކު ބަންދުގައި ތިބި ފަރާތްތަކަކީ ދައުވާ އުފުލެން ނެތިގެން ފުލުހުންގެ ބަންދުން ދޫކޮށްލާފައިވާ ފަރާތްތަކަކަށް ވާއިރު، ގައިދީންނާމެދު އަމަލުކުރަންޖެހޭ އެންމެހައި ގަވާއިދުތަކެއްގެ މަތިން ބިދޭސީންނާމެދު އަމަލުކޮށް ކަރެކްޝަންގެ ފަރާތުން އެމީހުންގެ މިނިވަންކަން ނިގުޅައިގަނެފައިވާ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން، މި މައްސަލަ އަށް ހައްލެއް ހޯދުމަށް ބައިނަލްއަގްވާމީ އެހީ ހޯދުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ވެސް އެބަޔާނުގައި ވަނީ ބުނެފައެވެ. އެގޮތުން މި މައްސަލަ، އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ އިމިގްރޭޝަން (އައިއޯއެމް)ގެ އިތުރުން، ޔޫއެންގެ ވާކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އަށް ހުށަހެޅުމަށްޓަކައި ބޭރުގެ ފަރާތްތަކާ މަޝްވަރާ ކުރެވެމުން ދާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ބޮޑުފިނޮޅު ހަމަނުޖެހުމައި ގުޅިގެން ޖުމްލަ 23 ބިދޭސީއަކު އިމިގްރޭޝަނާއި ހަވާލު ކޮށްފައި ވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އޭގެ ތެރެއިން 21 ބިދޭސީންނަކީ އިމިގްރޭޝަންގެ ގަވައިދާ ހިލާފު ވެގެން ހަވާލު ކޮށްފައި ވާ ބިދޭސީން ކަމަށާއި ބާކީތިބި 2 ބިދޭސީންނަކީ ހިއުމަން ޓްރެފިކިންގެ ތުހުމަތު ކޮށްފައި ވާ ދެ ބިދޭސީން ކަމަށެވެ.

އޭގެ ތެރެއިން 19 ބިދޭސީއަކީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ފުލުހުން އިމިގްރޭޝަނާ ހަވާލު ކޮށްފައި ވާ ބިދޭސީންނެވެ.