19 ބިދޭސީން މިނިވަން ކޮށް، އެމައްސަލައަށް ހައްލެއް ހޯދުމަށް ބޭރުގެ އެހީ ހޯދަމުންދާ ކަމަށް ވަކީލުން ބުނެފިއެވެ.
ވަކީލުން ނެރުނު ބަޔާނެއްގައި ބުނީ ކްރިމިނަލް ކޯޓުގެ ނަންބަރު HC-002/Cr-C/2020 ގަޒިއްޔާ އަކީ 19 ބިދޭސީއަކު މިނިވަންކޮށްދިނުމަށް އެދި އެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދުނު ހޭބިއަސް ކޯޕަސް ރިޓާ ގުޅިގެން އެކޯޓުން ބަލައި ފައިސްލާކޮށްފައިވާ ގަޒިއްޔާއެކެވެ. މި ގަޒިއްޔާގައި ދައުވާލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި މޯލްޑިވްސް އިމިގްރޭޝަން ކަމަށް އެބަޔާނުގައި ވަނީ ބުނެއެވެ.
އެގޮތުން އެގަޒިއްޔާ ކުރިއަށްދިޔައިރު އެދެމުއައްސަސާ ތަމްސީލުކުރުމަށް ހާޒިރުވި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ، ކަރެކްޝަންގެ އެސިސްޓެންޓް ލީގަލް އޮފިސަރެއްގެ އިތުރުން މޯލްޑިވްސް އިމިގްރޭޝަންގެ ޕޮލިސް ޗީފް ސްޓޭޝަން އިންޕެކްޓަރަކާއި ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރެއް ކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
މިގަޒިއްޔާގައި ދައުލަތުގެ ސިޔާސަތުތަކާ ގުޅޭ ގޮތުން މުހިންމު ދެކަމެއް ނިންމާފައިވާއިރު، މިކަމުގައި ދައުލަތުގެ ބަންޑާރަ ނައިބުގެ އެއްވެސް ދައުރެއް ހިމެނިފައިނުވާ ކަން ވަނީ ފާހަގަކޮށްފައެވެ.
އެބަޔާނުގައި އިތުރަށް ބުނީ ދައުލަތުގެ ބަންޑާރަނައިބު ކަނޑައަޅާފައިނުވާ ފަރާތަކުން ކޯޓަށް ހާޒިރުވެ މުޅި ދައުލަތުގެ ސިޔާސަތާ ގުޅޭ ކަމެއްގައި ދައުލަތުގެ ސްޓޭންޑް ބަޔާންކޮށް ކޯޓު އަމުރެއްނެތި އިދާރީ ގޮތުން މީހުން ބަންދުކުރެވޭނެކަމަށް ބަޔާންކޮށް ދައުލަތުގެ ސަޓޭންޑް ބަޔާންކޮށްފައިވާތީ މިކަން ބަންޑާރަނައިބުގެ ސަމާލުކަމަށް ގެނެވިފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ބައިޑާރަނައިބުގެ ހައިސިއްޔަތުން އަޅަންޖެހޭ ފިޔަވަޅުތައް ބަލާ މިކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް ބަންޑާރަނައިބު އަރިހުން އެދިފައިވާނެ ކަމަށް ވެސް އެބަޔާނުގައި ބަނީ ބުނެފައެވެ.
އެބަޔާނުގައި އިތުރަށް ބުނީ ކަރެކްޝަނަލް ސާވިސް އާއި އިމިގްރޭޝަންގެ ފަރާތުން ގާނޫނީ ވަކީލުންގެ ބައްދަލުވުންތައް އެކި ގޮތްގޮތުން ހުރަސްއެޅުމުގެ ގޮތުން ތަފާތު އެކި ވެރިންގެ ލެވެލްގެ ހުއްދަ ހޯދަންޖެހޭ ކަމަށްބުނެފައިވާ ކަމަށެވެ. އަދި ބަންދު ދުވަސްތަކުގައި ބައްދަލު ނުކުރެވޭނެކަމަށް ބުނެ ވަކީލުންގެ ދައުރަށް ހުރަސްއަޅައި ގާނޫނީ ވަކީލުގެ އެހީތެރިކަން ލިބުމުގެ އަސާސީ ހައްގުން މަހުރޫމް ކުރަމުންދާކަންވެސް ވަނީ ފާހަގަކޮށްފައެވެ.
ހަމައެހެންމެ، ބަންދުގައި ތިބި ފަރާތްތަކަކީ ދައުވާ އުފުލެން ނެތިގެން ފުލުހުންގެ ބަންދުން ދޫކޮށްލާފައިވާ ފަރާތްތަކަށްވާއިރު، ގައިދީންނާމެދު އަމަލުކުރަންޖެހޭ އެންމެހައި ގަވާއިދުތަކެއްގެ މަތިން ބިދޭސީންނާމެދު އަމަލުކޮށް ކަރެކްޝަންގެ ފަރާތުން އެމީހުންގެ މިނިވަންކަން ނިގުޅައިގަނެފައިވާ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ. އަދި މިއީ އިދާރީ ބަންދެއްކަމުގައި ބަލައި ޝަރުއީ އެއްވެސް ކޯޓެއްގެ އަމުރެއް ބޭނުންނުވާނެ ކަމަށް ވަކާލާތު ކޮށްފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ.
މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް ޖެންޑާ ކޮމިޓީގެ ފަރާތުން މި މައްސަލަ އަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް އެދި މައްސަލަ ހުށަހަޅާފައިވާނެ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. އަދި މި މައްސަލަ ހުށަހަޅާފައިވަނީ، އިންސާނީ ހައްގުތައް ނުގެއްލޭފަދަ ގޮތަކަށް ކަމާބެހޭ މުއައްސަސާތަކުން އަމަލުކުރުމަށް ބާރު އެޅުމަށާއި، އިންސާނީ ހައްގުތައް ގެއްލޭފަދަ ގޮތަކަށް އިމިގްރޭޝަން ގާނޫނު މާނަކުރެވޭނަމަ އެގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ކަމަށް ބަޔާނުގައި ބުނެއެވެ. އަދި ބާތިލްކުރަންޖެހޭ މާއްދާތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް މިކަމާ ގުޅިގެން ނިންމަންޖެހޭ ކަންކަން ނިންމުމަށްފެންނާތީ ކަމަށް ވެސް އެބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، މި މައްސަލަ އަށް ހައްލެއް ހޯދުމަށް ބައިނަލްއަގްވާމީ އެހީ ހޯދުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ވެސް އެބަޔާނުގައި ވަނީ ބުނެފައެވެ. އެގޮތުން މި މައްސަލަ، އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ އިމިގްރޭޝަން (އައިއޯއެމް)ގެ އިތުރުން، ޔޫއެންގެ ވަކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އަށް ހުށަހެޅުމަށްޓަކައި ބޭރުގެ ފަރާތްތަކާ މަޝްވަރާކުރެވެމުންދާ ކަމަށް ވެސް ވަނީ ބުނެފައެވެ.
ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ނުލިބިގެން ނުރުހުން ފާޅުކޮށް، 13 ދިވެއްސަކު ރަހީނުކޮށް ހަމަނުޖެހުންތަކެއް ހިންގާފައި ވަނީ މިދިޔަ މަހުގެ ދެވަނަ ދުވަހެވެ.
މި ހަމަނުޖެހުމުގައި އެރަށަށް އަރަން އުޅުނު ފުލުހުންގެ ބަޔަކަށް އަނިޔާވެފައި ވާއިރު، ހަމަނުޖެހުން ހައްލު ކުރުމަށް ފުލުހުންނަށް އެރަށަށް އެރުނީ މާލެއިން ފުލުހުން އެރަށަށް ގޮސްގެން ތިން ފަހަރަށް މަސައްކތް ކޮށްގެންނެވެ.
ބޮޑުފިނޮޅު ހަމަނުޖެހުމައި ގުޅިގެން ޖުމްލަ 23 ބިދޭސީއަކު އިމިގްރޭޝަނާއި ހަވާލު ކޮށްފައި ވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އޭގެ ތެރެއިން 21 ބިދޭސީންނަކީ އިމިގްރޭޝަންގެ ގަވައިދާ ހިލާފު ވެގެން ހަވާލު ކޮށްފައި ވާ ބިދޭސީން ކަމަށާއި ބާކީތިބި 2 ބިދޭސީންނަކީ ހިއުމަން ޓްރެފިކިންގެ ތުހުމަތު ކޮށްފައި ވާ ދެ ބިދޭސީން ކަމަށެވެ.
އޭގެ ތެރެއިން 19 ބިދޭސީއަކީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ފުލުހުން އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ބިދޭސީންނެވެ.