ބޮޑުފިނޮޅުގައި މަސައްކަތް ކުރުވައި އެތައް މަހަކު މުސާރަ ނުދިން މައްސަލައިގައި ބިދޭސީންގެ ހައްގުތައް ކަށަވަރު ކޮށްދިނުމުގެ ވަގުތީ އަމުރަކަށް އެދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ މާދަމާ އަށް ތާވަލުކޮށްފިއެވެ.

"ދަ ޕެރެސް" އަށް މައުލޫމާތު ދެމުން ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) ބުނީ މައްސަލައިގެ އަޑުއެހުމެއް މާދަމާ ހެނދުނު 10:00ގައި ބާއްވާނެ ކަން އަންގާފައިވާ ކަމަށެވެ.

ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބޮޑުފިނޮޅުގައި މަސައްކަތް ކުރި 200 ބިދޭސީންގެ ފަރާތުން ޕީއައިއެލްސީއިން މިދިޔަ ޖުލައި 15 ގައި ހުށަހެޅި މައްސަލަ ބަލައިގަތީ ވެސް އެއް މަސް ފަހުން އޮގަސްޓް، 19ގައެވެ. އެ މައްސަލައަށް މިހާރު ދެ މަސް ވެފައި ވާއިރު، މާދަމާއަށް އަޑުއެހުމެން ތާވަލް ކުރި މިއީ ފުރަތަމަ ފަހަރެވެ.

ޕީއައިއެލްސީން ހުށަހެޅި މައްސަލައިގައި ވަނީ ބިދޭސީންނަށް ނުދީވާ މުސާރައާއި އިނާޔަތްތަކާއި ގެއްލުމުގެ ބަދަލު އެއްފަހަރުމަތިން ދިނުމުގެ އަމުރެއް ނެރެދިނުމުގެ އިތުރުން، ޓްރިބިއުނަލުން އިތުރު ގިތެއް ކަނޑައަޅަންދެން ބިދޭސީންގެ ކެއިން ބުއިމާއި ސިއްހީ ފަރުވާ އަދި ޒަރޫރީ ބޭނުން ފުއްދޭނެ ގޮތް ހަމަޖެއްސުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށެވެ.

ބޮޑުފިނޮޅުގައި މަސައްކަތްކުރަމުން ދިޔަ ބިދެސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލު ކުރުމުގެ އިތުރުުން ރިޒް ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ފީއާއި ފައިސާ ނުދައްކާ ބިދޭސީންގެ ހައްގުތަކުން ނިގުޅައިގެންފައިވާ ކަމަށް ތުހުމަތު ކުރެވިފައިވެއެވެ. މިކަންކަމުގެ އިތުރުން އިއާދަނުކުރެވޭ ގެއްލުން ލިބޭނެހެން އެ ބިދޭސީން ބޯހިޔާވަހިކަމުން މަހުރޫމުކޮށް މަގުމަތި ކުރުމަކީ އެ ބިދޭސީންނަށް އިތުރަށް ގެއްލުން ލިބޭނެ ކަމެއް ކަމަށް ޕީއައިއެލްސީން ވަނީ ބުނެފައެވެ.

ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީކުރުމަށް ސީލް މޯލްޑިވްސްއަށް ލިބުނު ޕްރޮޖެކްޓް ކޮންޓްރެކްޓަރުގެ ހައިސިއްޔަތުން މަސައްކަތް ކުރުމަށް ހަވާލުވެފައިވަނީ ރިޒް ކުންފުނިންނެވެ. އަދި ބޮޑުފިނޮޅުގައި ކުރަން ޖެހޭ މަސައްކަތައް ބޭނުންވާ މީހުން ހަމަޖެއްސުމާއި އެމީހުންނަށް މުސާރަ ދިނުމާއި ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަކީ ރިޒް ކުންފުނިން ކުރަން ޖެހޭ ކަމެއް ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީއިން ވަނީ ބުނެފައެވެ. އެ އޮތޯރިޓީން ވަނީ ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގިއިރު 179 ބިދޭސީންނަށް ނުދެވި ހުރި މުސާރަ ދީ ނިންމުމަށް އަންގާފައެވެ. ނަމަވެސް ފަހުން އެ އެންގުން ބާތިލްކުރަން ރިޒް ކުންފުނިން ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފައެވެ.