ރައްޔިތުންގެ މަޖިލީހުގެ ށ. މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ކުންފުނި، އާރްއައިއެކްސް(ރިޒް) ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ތުހުމަތުކުރެވޭ ހިއުމަން ޓްރެފިކިންގެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށާފައި ވަނީ މިދިޔަ ޖުލައި 6 ވަނަ ދުވަހެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް 5 މަސް ދުވަސް ހޭދަ ކުރުމަށްފަހު އެ މައްސަލާގައި ދައުވާ ކުރުމަށް ފޮނުވާފައި ވަނީ މިދިޔަ ޑިސެމްބަރު 3 ވަނަ ދުވަހުއެވެ. ނަމަވެސް މި މައްސަލާގައި ދައުވާ ކުރުމަށް ފޮނުވާފައިވާކަން ފުލުހުން ހާމަ ކުރީ މިއަދެވެ.

ފުލުހުން ތަހުގީގު ކޮށްފައި ވަނީ ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތާ ހަވާލުވެފައިވާ ރިޒް ކުންފުނީގެ މައްޗަށް، ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކުރި މައްސަލަ އެވެ. އަދި ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީއާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ވެސް މެއެވެ.

އެގޮތުން، ރިސޯޓް ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ އެކުންފުނިން ހަވާލުވެ، މީހުން ޓްރެފިކް ކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސިންނަށް އޮޅުވާލައި، މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާކަމަށް އެ ކުންފުނީގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެއެވެ.

ފުލުހުން މީގެ ކުރިން ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޓްރެފިކް ކޮށްފައިވާ ކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރިން ރާއްޖޭގެ ރަށްތަކުން ހޯދައި، އެ ބިދޭސީންނާ ހަވާލުވެ، އެކުންފުނީގެ ބެލުމުގެ ދަށުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ގެންގޮސްފައިވާ ކަމަށް ބުނެފައި ވެއެވެ. އަދި ބިދޭސީ މަސައްކަތްތެރިންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ގާނޫނާ ހިލާފު މަޖުބޫރު ކުރުވުމެއް ކުރިމަތި ކުރުވައިގެން މަސައްކަތްތެރިންނަށް ދޭންޖެހޭ މުސާރައާއި އުޖޫރަނުދީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރުވާފައިވާ ކަން އެ ކުންފުނީގެ މައްޗަށް ތުހުމަތު ކުރެވެއެވެ.

އަދި އެ މަސައްކަތްތެރީންގެ ތެރެއިން މުސާރައާއި އިނާޔަތް ހޯދަން އަޑުއުފުލާ މީހުންނަށް ބިރުދައްކައި ވަޒީފާއިން ވަކިކޮށް އަނބުރާ މާލެ ސަރަހައްދަށް ފޮނުވާފައިވާ ކަމަށް ވެސް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުނެފައި ވެއެވެ.