ވަރަށް މަދުން ނޫނީ ނުފެންނަ ދެ ބައްޔެއް ތަހައްމަލު ކުރަމުންދާ އަރީޝާ އަބްދުﷲ ހާލު ދެރަވެ މަރުވެއްޖެއެވެ.

އުމުރުން 23 އަހަރުގެ އަރީޝާއަށް ވަނީ ޕަލްމިނަރީ އާޓެރީ ހައިޕަޓެންޝަން ނުވަތަ ހިތާއި ފުއްމާޕެއާ ދޭތެރޭގައި އިންނަ ލޭ ހޮޅީގެ ޕްރެޝަރު މަތިވަމުން ދިއުމާއި ޝޯގްރީން ސިންޑްރޯމް ނަމަކަށް ކިޔާ ބައްޔެއް ޖެހިފައެވެ.

އަރީޝާ މަރުވެފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދނުގެ ވަގުތެއްގައެވެ.

އަރީޝާގެ ހަށިގަނޑުން މި ބަލި ދެނެގަނެވިފައި ވަނީ 2017 ގައެވެ. މިއީ ދުނިޔެއިން ވަރަށް މަދުން ނޫނީ ނުފެންނަ ދެ ބައްޔެކެވެ.

އޭނާގެ ހާލު ގޯސްވެފައިވަނީ މިދިޔަ ޖެނުއަރީ މަހު އޭނާ ކޮވިޑަށް ޕޮޒިޓިވްވި ފަހުންނެވެ. ޖެނުއަރީ މަހުން ފެށިގެން އޭނާއަށް ފަރުވާ ދެމުން ދިޔައީ ވެސް ޓްރީޓޮޕް ހޮސްޕިޓަލުންނެވެ.

އަރީޝާއަށް އިތުރަށް ދެވެން އޮތް ފަރުވާ އަކީ ފުއްޕާމެޔާއި ހިތުގެ ޓްރާންސްޕްލާންޓް ހެދުން ކަމުން ޓްރާންސްޕްލާންޓް ހެދުމަށް އިންޑިއާއަށް ދާން އެ އާއިލާއިން ވަނީ ތައްޔާރުވެސް ވެފައެވެ.