ޔޫކްރެއިންއިން ނިކުތް 9 ދިވެހިން މިއަދު ރާއްޖެ އަންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ޔޫކްރައިގެ އެންމެ ފަހުގެ އަޕްޑޭޓް ހިއްސާކުރަމުން މިނިސްޓްރީން ބުނީ ރާއްޖެ ނާދެވި ޔޫކްރެއިން އިން ހަންގޭރީއަށް ދިޔަ 6 ދަރިވަރުންނާއި އާއިލާ 3 މެންބަރުން މިހާރު ރާއްޖެ އައުމަށް ދަތުރު ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ބެލަރުސް އަދި ރަޝިޔާގައި ތިބި ދިވެހި ކިޔަވާކުދިންގެ ތެރެއިން އެނބުރި އަންނަން ބޭނުންވާ ކުދިންނަށް ސަރުކާރުގެ ހަރަދުގައި އެނބުރި އައުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މިގޮތުން 6 ދަރިވަރަކު ރާއްޖެ ގެނައުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ބުނީ މި ހަފްތާ ތެރޭ އެދަރިވަރުން ރާއްޖެ އަންނާނެ ކަމަށެވެ.

ޔޫކްރައިންގައި ތިބި ހުރިހާ ދިވެހިން ރައްކާތެރިކަމާއެކު އެ ގައުމުން ބޭރުވެފައި ވާއިރު، ރަޝިއާގައި 88 ދަރިވަރުން އަދި ބެލަރޫސްގައި 137 ދަރިވަރުން އެބަ ތިއްބެވެ.

އޭގެ ތެރެއިން ބެލަރޫސްގައި ކިޔަވަމުންދާ 11 ދަރިވަރަކު ވަނީ ރާއްޖެ އައުމަށް އެހީތެރިކަމަށް އެދިފައެވެ. އެ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.

ރަޝިއާ - ޔޫކްރައިން ހަނގުރާމަ ފެށިފަހުން ރާއްޖެއަށް 29 ދަރިވަރަކު ވަނީ އައިސްފައެވެ.