މާލޭ ހުކުރު މިސްކިތް މަރާމާތުކުުރުމުގެ އަމަލީ މަސައްކަތް ރޯދަމަހަށް ފަހު ފަށާނެ ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެފިއެވެ.

ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓާ ކޮމިއުނިކޭޝަންސް އިސްމާއިލް ނާއިލް ނަޝީދު ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވިދާޅުވީ، ކޮވިޑް-19ގެ ސަބަބުން ހުކުރު މިސްކިތް އާބާތުރަފިލުވާ މަރާމާތުކުރުމުގެ މަސައްކަތަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އަދި މި މަސައްކަތް ދިގުލައިގެން ދިޔަނަމަވެސް ރޯދަ މަސް ނިމުމުން މިސްކިތުގެ މަރާމާތުގެ ކަންކަން ފެށުމަށް މިނިސްޓްރީން މަސައްކަތްކުރަމުންދާ ކަމަށް ނާއިލް ވިދާޅުވިއެވެ.

ރޯދަމަހު ކޮންމެގޮތެއްވިޔަސް އަޅުގަނޑުމެން ބޭނުމެއްނުވޭ މިސްކިތުން ބައެއް ނަމަވެސް ބަންދުކުރާކަށް. މި މަސައްކަތް ކުރަމުންދާއިރު މިސްކިތުން ވަކިވަކި ބައިބައި އަދި ބައެއް ފަހަރު މިސްކިތް އެއްކޮށްވެސް ބަންދުކުރަންޖެހޭ ހާލަތްތައް އަންނާނެ. އެހެންވީމަ އަޅުގަނޑުމެން ރޯދައިގެ ކުރިން އެ މަސައްކަތް ފަށައިފިއްޔާ ރޯދައަށް ބަންދުކުރަންޖެހޭނެ. އެހެންވީމަ ޢަމަލީ މަސައްކަތް ރޯދައިގެ ފަހުން ފެށޭނީ
ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރ ކޮމިއުނިކޭޝަންސް އިސްމާޢީލް ނާއިލް ނަޝީދު

ހުކުރު މިސްކިތް އެގޮތުގައި ގިނަ ދުވަހު ދެމެހެއްޓުމަށްޓަކާ ކޮންޒަވޭޝަންގެ މަސައްކަތްތަކަށް ބޭނުންވާ ސާމާނު (ލަކުޑިއާއި ކެމިކަލް އަދި ބޭސް) މިހާރު ލިބިފައިވާ ކަމަށް ނާއިލް ފާހަގަކުރެއްވިއެވެ.

ހުކުރު މިސްކިތަކީ ދިވެހިރާއްޖޭގައި ހުރި އެންމެ އާސާރީ އަދި އެންމެ އެންމެ ރީތި އެއް މިސްކިތެވެ. މި މިސްކިތް ބިނާކުރެވިފައިވަނީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު 1 ގެ ރަސްކަމުގައި 1658 ވަނަ އަހަރުގައެވެ. އަދި މިސްކިތް އިމާރާތް ކުރުމަށް ބޭނުން ކުރެވުނީ ހިރިގަލެވެ.

އަދި މަސައްކަތުގެ މާހިރުން ވަނީ ސިމެންތި ނުވަތަ މޯޓާ އަދި ލައިމް ފަދަ އެއްވެސް އެއްޗެއް ބޭނުން ކުރުމެއް ނެތި، ހިރިގަލުގައި ބިންވަޅުނަގައި، އެއްގާ އަނެއްގަލާއި ގުޅުވައިގެން އިމާރާތްކޮށްފައެވެ. އަދި ހިރިގަލުގެ މަސައްކަތާއި ލަކުޑީގެ މަސައްކަތް ރީތި ޑިޒައިންތަކުން ލާމެހިފައެވެ. 2008 ވަނަ އަހަރު މި މިސްކިތް ވަނީ ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނިފައެވެ.