ނޭވާލާން އުނދަގޫވުމުގެ ސަބަބުން ޑޮކްޓަރަށް ދައްކަން ގެންދިޔަ ދެ އަހަރުގެ ކުއްޖެއްގެ ފުއްޕާމޭގައި ތާށިވެފައި އޮތް ކަރަންފޫކޮޅެއް ނަގައިފިއެވެ.

އެ ކުއްޖާގެ ފުއްޕާމޭގެ މައި އެއާވޭގައި ކަރަންފޫކޮޅެއް ތާށިވެފައި އޮތްކަން އެނގުނީ ނޭވާ ހޮޅީގެ ތެރެއަށް ޑިވައިސްއެއް ލައްވައި ބެލި ބެލުމުންނެވެ. އެ ކަރަންފޫކޮޅު ނަގާފައި ވަނީ ގަނޑުކޮށްލައިގެންނެވެ.

އެ ކުއްޖާ ބެލި އެއް ޑޮކްޓަރު ކަމަށްވާ އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވާ އެތެރެހަށީގެ ޑރ. މުހައްމަދު އިސްމާއީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނޭވާލާން އުނދަގޫވުމުގެ ސަބަބުން އެ ކުއްޖާ ވެންޓިލޭޓަރަކަށް ލާން ޖެހުނު ކަމަށާއި، ނަމަވެސް މިހާރު އެ ކުއްޖާގެ ހާލު ރަނގަޅުވެ، ގެއަށް ފޮނުވާލާފައިވާ ކަމަށެވެ.

އަދި އެ ކުއްޖާގެ ފުއްޕާމޭން ކަރަންފޫކޮޅު ނެގުމަށްޓަކައި އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމް ކުރި މަސައްކަތް ޑރ. މުހައްމަދު އިސްމާއީލް ފާހަގަ ކުރައްވާފައި ވެއެވެ.