ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން މަރުވި، ފަސް އަހަރުގެ ސަދާ ސައުދުﷲގެ މަރުގެ މައްސަލާގައި އިހުމާލުވި ޑޮކްޓަރުންނާއި ނަރުހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި ފުލުހުންނަށް ހުށަހަޅައިފިއެވެ.

ސަދާގެ ބަނޑުގައި ރިއްސާތީ އެންމެ ފުރަތަމަ ގެންދިޔައީ އެރަށުގައި ހުންނަ ފްލޫ ކްލިނިކަށެވެ. އެ ތަނަށް ދައްކައިގެން ވެސް ސަދާއަށް ލުޔެއް ނުލިބުމުން ދެން އޭނާ ފޮނުވާލީ އެ ރަށު ހޮސްޕިޓަލަށެވެ.

"ދަ ޕްރެސް" އަށް ސަދާގެ މަރުގެ މައުލޫމާތު ހިއްސާކުރަމުން އޭނާގެ ބައްޕަ ސައުދުﷲ އަހުމަދު ހަސަން ކުރިން ބުނެފައި ވަނީ، އެ ދުވަހު ހަވީރު ފުވައްމުލަކު ހޮސްޕިޓަލުން ސަދާއަށް އިންޖެކްޝަނެއް ޖެހި ކަމަށާއި އޭގެ ފަހުން ފަސް މިނެޓް ތެރޭގައި ސަދާގެ ހަރަކާތް ހުއްޓުނު ކަމަށެވެ.

ސަދާގެ އާއިލާއިން ވަނީ އެދުވަހު ސަދާ މަރުވީ އޭނާގެ ގަޔަށް "ނުބައި" އިންޖެކްޝަނެއް ޖެހުމުން ކަމަށް ބުނެ ތުހުމަތު ކޮށްފައެވެ. އެ މައްސަލަ ބަލައިދިނުމަށް އެދި ހެލްތު މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު، މިނިސްޓްރީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ސަދާއަށް ފަރުވާ ދިނުމުގައި ޑޮކްޓަރުންނާއި ނަރުހުން އިހުމާލުވެފައިވެއެވެ.

ސަދާގެ ބައްޕަ ސައުދުﷲ އަހުމަދު ފުލުހުންނަށް ފޮނުވި ސިޓީއެއްގައި ބުނީ، ސަދާ ނިޔާވެފައިވަނީ ފުވައްމުލަކުގެ ޑޮކްޓަރުންނާއި ނަރުހުންގެ އިހުމާލުން ކަމަށް މިނިސްޓްރީން އެއްބަސްވެފައިވާ ކަމަށާއި، އެހެންވެ އެ މީހުންނަށް ޖިނާއީ ތަހުގީގުކޮށް މައްސަލަ ކުރިއަށް ގެންދަން އެދޭ ކަމަށެވެ.

އެހެންކަމުން ސައުދުﷲ ނިންމާފައިވަނީ ހެލްތު މިނިސްޓްރީ އާ ދެކޮޅަށް މަދަނީ ދައުވާ ކުރުމަށެވެ.

އެ މައްސަލާގައި ހިމެނޭ ބިދޭސީ ދެ ޑޮކްޓަރަކު މިދިޔަ އަހަރުގެ ފަހުކޮޅު ސަސްޕެންޑުކޮށްފައިވާއިރު، އޭގެ ތެރެއިން އެކަކު ވަކިކޮށް އަނބުރާ ގައުމަށް ފޮނުވާލާފައިވެއެވެ.