ޔޫކްރައިންގައި ބާކީ ތިބި ދިވެހިން ރައްކާތެރި ކަމާއެކު އެ ގައުމުން ބޭރުވެ، ހަންގޭރީއަށް އެތެރެވެއްޖެ ކަމަށް، ފޮރިން މިނިސްޓްރީން ބުނެފިއެވެ.
މިދިޔަ އަންގާރަ ދުވަހު، ޔޫކްރައިންގެ ވެރިރަށް ކީވްގައި ދިރިއުޅެމުން ދިޔަ ދިވެހި އާއިލާއެއް ހަންގޭރީގެ ބޯޑަރު ހުރަސްކޮށް އެ ގައުމަށް އެތެރެވެފައިވެއެވެ. އެއީ ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔޫކްރައިންގެ އަންހެނަކާއި އެ ދެމަފިރިންގެ ދެ ކުދިންނެވެ.
އެހެންކަމުން ޔޫކްރައިންގައި އެންމެ ފަހުން ތިބީ ނުވަ ދިވެހިންނެވެ. އެއީ އެ ގައުމުގެ ނީފްރޯގައި ހުރި ދިވެއްސަކާއި ހާކީވްގައި ތިބި އަށް ދިވެހިންނެވެ. އެ ހުރިހާ ދިވެހިންވެސް ދިޔައީ ޔޫކްރައިނާއި ހަންގޭރީ އާ ދެމެދު އޮންނަ ބޯޑަރާ ދިމާލަށް ދަތުރު ކުރަމުންނެވެ.
ފޮރިން މިނިސްޓްރީން ބުނީ، އެ ނުވަ ދިވެހިން އިއްޔެ ވަނީ ހުޅަނގުގައި އޮތް ލިވީވަށް މެންދުރުފަހު ދަތުރުކޮށްފައި ކަމަށާއި، ބޯޑަރު ހުރަސްކޮށް ހަންގޭރީއަށް އެތެރެވެފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި ދަރިވަރުން ބޯޑަރު ހުރަސްކުރުމުގެ ކުރިން ވިސާއާއި އެހެނިހެން އިންތިޒާމްތައް ސަރުކާރުން ވަނީ ހަމަޖައްސައިދީފައިވެއެވެ.
ހަމަ އެއާއެކު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަންގޭރީގެ ފޮރިން މިނިސްޓަރާ ގުޅުއްވައި، ނިއުޔޯކުގައި ދެ ބޭފުޅުން ބައްދަލުކުރައްވައި، ދިވެހި ދަރިވަރުންނަށް ފަސޭހައިން ހަންގޭރީއަށް އެތެރެވެވޭނެ އިންތިޒާމް ހަމަޖައްސައިދީފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ހަންގޭރީއަށް އެތެރެވުމުން ފޮރިން މިނިސްޓްރީގެ ޓީމްގެ ބެލުމުގެ ދަށުން ދަރިވަރުން ވަނީ އެ ގައުމުގެ ވެރިރަށް ބުޑަޕެސްޓަށް ދަތުރުކޮށްފައި ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ. ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ދަރިވަރުން އެނބުރި އައުމަށް ފުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގައެވެ.
އެހެންކަމުން، ޔޫކްރައިންގައި މިވަގުތު ތިބި ހުރިހާ ދިވެހިން ވަނީ ރައްކާތެރިކަމާއެކު އެ ގައުމުން ބޭރުވެފައިވާއިރު، ރަޝިއާގައި 88 ދަރިވަރުން އަދި ބެލަރޫސްގައި 137 ދަރިވަރުން އެބަ ތިއްބެވެ. އޭގެ ތެރެއިން ބެލަރޫސްގައި ކިޔަވަމުންދާ 11 ދަރިވަރަކު ވަނީ އެނބުރި އައުމަށް އެހީތެރިކަމަށް އެދިފައެވެ. އެ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ފޮރިން މިނިސްޓްރީން އިއްޔެ ބުނެފައިވެއެވެ.