މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ރޭ މަރާލާފައި ފޮއްޓަކަށްލާފައި އޮއްވާ ހުޅުމާލެ ފޭސް 2 އިން ފެނުނު 13 އަހަރުގެ ކުއްޖާގެ މަރުގައި ތުހުމަތުވާ ކުޑަކުއްޖާ ޖަލަށް ބަދަލުކޮށްދިނުމަށް ހައިކޯޓުން ވެސް ދެކޮޅު ހެދުމުން، އެ ކަންބޮޑުވުމާ އެކު ދައުލަތުން ސުޕްރީމް ކޯޓަށް ގޮސްފިއެވެ.

ޖިނާއީ ބޮޑެތި ކުށްތަކުގައި ތުހުމަތުކުރެވޭ ކުދިން ބަންދުކުރުމަށް ހެދި ޑިޓެންޝަރު ސެންޓަރު ނިމުނު ނަމަވެސް 13 އަހަރުކުއްޖާގެ މަރުގައި ދައުވާކުރި 17 އަހަރުގެ ކުއްޖާ އެނބުރި ޖަލަށް ބަދަލުކުރުމުގެ އަމުރު ނެރެދިނުމަށް ހައިކޯޓުން ދެކޮޅު ހެދީ އެ ކުއްޖާ ގޭބަންދަށް ބަދަލު ކުރިއިރު ކުރި އެއްވެސް ޝަރުތަކާ ހިލާފު ވެފައި ނުވާތީ އާއި ގޭ ބަންދުގައި ހުރެ، ޝަރީއަތަށް އެއްބާރުލުން ދޭތީއެވެ.

އެ ކުއްޖާ ގެއަށް ބަދަލުކޮށްފާ ވަނީ އެޗްއާރްސީއެމުން އޮކްޓޯބަރު މަހުގެ ތެރޭގައި ކުޑަކުދިން ބޭތިއްބުމަށް އެކަށީގެންވާ ޖަލެއް ނެތް ކަން ކަނޑައެޅުމުންނެވެ. އެހެންނަމަވެސް ޑިޓެންޝަން ސެންޓަރެއް ހެދުމަށްފަހު، މިދިޔަ މަހުގެ 30 ވަނަ ދުވަހު ރަސްމީކޮށް ހުޅުވާފައެވެ. އަދި އެ ކުއްޖާގެ ފަރާތުން މުޖްތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމުގެ އިހްތިމާލު އޮތް ކަމަށް ދައުލަތަށް ފެންނާތީ، ޖަލަށް ބަދަލުުކޮށްދިނުމަށް ޖުވެނައިލް ކޯޓުގައި އެދުނެވެ. އެ ކޯޓުން އެ އަމުރު ނުނެރެދިނުމުން ހައިކޯޓަށް ގޮސްގެން ވެސް ދައުލަތަށް ކާމިޔާބެއް ނުލިބުނެވެ.

13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި ތުހުމަތުވާ ކުޑަކުއްޖާގެ މައްޗަށް އުފުލި ދައުވާގެ ތެރޭގައި ހިމެނެނީ ގަސްތުގައި މީހަކު މެރުން، ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުން، މައްޔިތާގެ ބޭނުން ނަހަމަ ގޮތެއްގައި ހިފުމުގެ ދައުވާއެވެ.