ރަޝިއާ އާއި ޔޫކްރައިން އާ ދެމެދު ކުރަމުންދާ ހަނގުރާމައާ ގުޅިގެން ބެލަރޫސްގައި ކިޔަވަމުންދާ 11 ދަރިވަރަކު އެނބުރި ރާއްޖެ އައުމަށް އެދިފައިވާތީ އެ ދަރިވަރުން ގެނައުމަށް އެހީތެރިކަން ފޯރިކޮށްދެމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ، ޖަރުމަނުގެ ބާލިންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ އެހީއަށް މިހާތަނަށް އެދިފައި ވަނީ ބެލަރޫސް ތިބި 11 ދަރިވަރެއް ކަމަށެވެ. އެ ދަރިވަރުން އެގްޒިޓް ވިސާއަށް އެދި ހުށަހަޅާފައިވާ އިރު، އެ ދަރިވަރުންނަށް އެ ކަންކަން އަވަސްކޮށް ދިނުމަށް ދިވެހި ސަރުކާރުން ވަނީ ޔުނިވާސިޓީތަކުގައި އެދިފައި ކަމަށާއި އެ ދަރިވަރުންނަށް ފްލައިޓް ދަތުރު ކުރާނެ މަގެއް ހޯދުމަށް ބާލިން، ޖަރުމަނު އަދި މިނިސްޓްރީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އަދި ކޮންސިއުލާ ޑިޕާޓްމަންޓުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ފުރަން ބޭނުންވާ ފަރާތްތަކަށް ފައިސާގެ އެހީ ފޯރުކޮށްދޭނެ ކަމަށް ދިވެހި ސަރުކާރުގެ ފަރާތުން ދަރިވަރުންނަށް އަންގާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. ބާލިންގައި ދިވެހި ދަރިވަރުން ތިބި ސިޓީތަކުގައި ކިޔެވުން ކުރިއަށް ގެންދަނީ ފިސިކަލް ކޮށް ހާޒިރުވެގެން ކަމަށާއި އެ ސިޓީތަކުގައި ހާލަތު ރަނގަޅު ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ބެލަރޫސްގައި ތިބި 11 ދަރިވަރަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އިރު މި ވަގުތު ހަނގުރާމަ ކުރިއަށްދާ ޔޫކްރައިން ގައި ތާށިވެފައި ބާކީ 9 ދިވެއްސަކު އެބަ ތިއްބެވެ. އެމީހުން މިހާރު ތިބީ ޔޫކްރައިންގެ ހުޅަނގު ފަރާތުގައި އޮންނަ ލިވިވްގައި ކަމަށާއި، އެމީހުން ބޯޑަރު ހުރަސްކުރުމަށް ދަތުރު ފަށާނީ މިއަދު ފަހުގެ ވަގުތެއްގައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. ލިވިވް އިން އެމީހުން ދަތުރު ކުރާނީ ހަންގޭރީގެ ކޮންސިއުލޭޓަށް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަންގޭރީގެ ހާރިޖީ ވަޒީރާއެކު ކުރެއްވި މަޝްވަރާތަކަށް ފަހު ހަންގޭރީއަށް އެ ދިވެހިންނަށް ވީހާވެސް އޮމާންކޮށް އެތެރެވެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި މިނިސްޓްރީގެ ޓީމު އެ މީހުންނާ ބައްދަލު ކުރާނީ ބޯޑަރުގެ ހަންގޭރީ ސަރައްދުން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ޔޫކްރައިންގައި މިވަގުތު ނުވަ ދިވެހިން ތިބިއިރު، މިވަގުތު ރަޝިއާގައި 88 ދަރިވަރުން އަދި ބެލަރޫސްގައި 137 ދަރިވަރުން އެބަ ތިއްބެވެ.