ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ޔޫރަޕްގެ ގައުމެއް ކަމަށްވާ މަލްޓާ އަށް ފުރާ ވަޑައިގަންނަވާނެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ، އެމަނިކުފާނު މޯލްޓާ އަށް ވަޑައިގަންނަވަނީ، އަބްދުލް އަޒީޒް ސައުދު އަލް ބަބްޓައިން ކަލްޗަރަލް ފައުންޑޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ "ވޯލްޑް ފޯރަމް ފޯ ކަލްޗާ އެންޑް ޕީސް" ގެ ބައްދަލުވުމަކަށް ދައުވަތު އަރުވާފައިވާތީ އެ ބައްދަލުވުމުގައި ބައިވެރިވުމަށް ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، އެމަނިކުފާނާ އެކު މަޖިލީހުގެ ދެ މެންބަރެއް އެ ބައްދަލުވުމުގައި ބައިވެރިވުމަށް އެމަނިކުފާނާ އެކު ވަޑައިގަންނަވާނެއެވެ. ނަޝީދާ އެއްކޮށް މި ބައްދަލުވުމަށް ވަޑައިގަންނަވާނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމާއި، ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒެވެ.

މާދަމާ ފަށާ މި ބައްދަލުވުމަކީ ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ބައްދަލުވުމެކެވެ.

މި ބައްދަލުވުން ނިންމަވާލުމަށް ފަހު އަންނަ އާދީއްތަ ދުވަހު ނަޝީދު އެނބުރި ވަޑައިގަންނަވާނެއެވެ.