ރަޝިޔާ އަދި ބެލަރޫސްގައި ހިންގަމުންދާ މެޑިސިން ކޯސްތަކުގެ ކްލާސްތައް އޮންލައިންކޮށް ހިންގަން ޖެހޭ ހާލަތެއް އަދި ނެތް ކަމަށް އެޔުނިވާސިޓީތަކުން ބުނެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ބުނީ ދަރިވަރުންގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދެވޭނީ އެގައުމުގެ ހެލްތު މިނިސްޓްރީ އަދި އެޑިއުކޭޝަން މިނިސްޓްރީއިން ނިންމައިގެން ކަމަށާއި، ކައިރި މުސްތަގްބަލެއްގައި ކްލާސްތައް އޮންލައިންކުރުމުގެ ވިސްނުމެއް ބެލަރޫސް ސަރުކާރުގެ ނެތް ކަމަށް ބެލަރޫސްގެ ޔުނިވާސިޓީތަކުން ބާލިންގައި ހުންނަ ދިވެހި އެމްބަސީއަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އަދި ދަރިވަރުން ބެލަރޫސްގައި ތިބޭ އިރު ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ޔުނިވާސިޓީތަކުން ޔަގީންކޮށްދޭ ކަމަށް ވެސް ޔުނިވާސިޓީތަކުން ދިވެހި ސަރުކާރަށް އަންގާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ ރަޝިޔާގެ ޔުނިވާސިޓީތަކުން ވެސް ދިވެހި ދަރިވަރުން ތިބި ސަރަހައްދުތަކަށް ނުރައްކަލެއް އޮތްކަމަށް ނުފެންނާތީ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަން ނުފެންނަކަމަށް ބުނެފައިވާ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، ރަޝިއާ އާއި ބެލަރޫސްގައި މިވަގުތު ތިބި ދަރިވަރުންގެ ހާލު ރަނގަޅު ކަމަށާއި، އެ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. މިވަގުތު ރަޝިއާގައި 88 ދަރިވަރުން އަދި ބެލަރޫސްގައި 137 ދަރިވަރުން އެބަ ތިއްބެވެ.