ޔޫކްރައިންގެ ވެރިރަށް ކީވް ކައިރީގައި ދިރިއުޅެމުން ދިޔަ ދިވެހި އާއިލާ މިހާރު ވަނީ ހަންގޭރީގެ ބޯޑަރު ހުރަސްކޮށް، އެ ގައުމަށް އެތެރެވެފައި ކަމަށް، ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ރަޝިއާއިން ޔޫކްރައިނަށް ހަމަލަދެމުން ދާ މި ދަނޑިވަޅުގައި، މިވަގުތު ޔޫކްރައިންގައި ތިބީ ނުވަ ދިވެހިން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ ނީފްރޯގައި ހުރި ދިވެއްސަކާއި ހާކީވްގައި ތިބި އަށް ދިވެހިންނެވެ.

ފޮރިން މިނިސްޓްރީން ބުނީ، ކީވް ކައިރީގައި ދިރިއުޅެމުން ދިޔަ ދިވެހި އާއިލާ ބޯޑަރު ހުރަސްކޮށް ހަންގޭރީއަށް އެތެރެވެފައިވާއިރު، ހާކީވްގައި ތާށިވެފައި ތިބި ދަރިވަރުން ރައްކާތެރި ހިސާބަކަށް ގެންދިއުމަށްޓަކައި އިތުރު ގައުމުތަކާ ގުޅިގެން މަސައްކަތްކުރަމުން ދާ ކަމަށާއި، މިނިސްޓަރު އަބްދުﷲ ޝާހިދު އެ ދަރިވަރުންގެ ހާލު ބައްލަވާފައިވާ ކަމަށެވެ.

އޭގެ އިތުރުން، ބެލަރުސް އާއި ރަޝިއާގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އެނބުރި އަންނަން ބޭނުންވާ ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައި އެކަން އަންގާފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން ބުނި ގޮތުގައި އާންމު ހާލަތުގައި އެ ދެ ގައުމުގެ ޔުނިވާސިޓީތަކުގެ ކިޔެވުން ކުރިއަށް އެބަ ގެންދާ ކަމަށެވެ.

"ކްލާސްތައް އޮންލައިން ކްލާސްތަކަށް ބަދަލުކުރެވޭތޯ ދަރިވަރުން ދަނީ ޔުނިވާސިޓީ އާ އެކު މަޝްވަރާ ކުރަމުން. ދަރިވަރުންނަށް މި ކަމުގައި ބޭނުންވާ އެހީތެރިކަން ބާލިންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ދަނީ ފޯރުކޮށްދެމުން." ފޮރިން މިނިސްޓްރީން ބުންޏެވެ.

ޔޫކްރައިންގައި މިވަގުތު ނުވަ ދިވެހިން ތިބިއިރު، މިވަގުތު ރަޝިއާގައި 88 ދަރިވަރުން އަދި ބެލަރޫސްގައި 137 ދަރިވަރުން އެބަ ތިބި ކަމަށް ފޮރިން މިނިސްޓްރީން މިދިޔަ އާދީއްތަ ދުވަހު ބުންޏެވެ.