ދެ ގައުމަކަށް ސަރުކާރުން ކަނޑައަޅާފައިވާ ދެ ސަފީރަކު އެހެން ދެ ގައުމަކަށް ބަދަލު ކުރުމަށް ރުހުން ހޯދުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަޖިލިހަށް ހުށަހަޅުއްވައިފިއެވެ.

ރައީސް ފޮނުއްވި ސިޓީ މަޖިލީހުގައި މިއަދު އިއްވާފައިވާއިރު، ރުހުން ހޯދަން ހުށަހަޅުއްވާފައިވަނީ ވިލާތުގެ އިއްތިހާދާއި ބެލްޖިއަމަށް އައްޔަނުކުރަން ނިންމާފައިވާ އުމަރު އަބްދުއްރައްޒާގާއި، ޖަޕާންގެ ސަފީރު ކަމަށް އައްޔަނުކުރަން ނިންމާފައިވާ ހަސަން ސޯބިރުގެ ނަންފުޅުތަކެވެ.

އޭގެ ތެރެއިން އުމަރު އަބްދުއްރައްޒާގު ލަންކާއަށް ކަނޑައަޅާފައިވާ ސަފީރުގެ މަގާމް ފުރުއްވަމުން ދާއިރު، ހަސަން ސޯބިރު މިވަގުތު ހުންނެވީ ވިލާތުގެ އިއްތިހާދާއި ބެލްޖިއަމް އަށް ކަނޑައަޅާފައިވާ ސަފީރުގެ މަގާމުގައެވެ. ރައީސް ފޮނުއްވި ސިޓީގައި ވާ ގޮތުން، އުމަރު އަބްދުއްރައްޒާގާއި ހަސަން ސޯބިރު ރާއްޖެ ގެނައުމަށް ވަނީ ނިންމަވާފައެވެ.

ދެ ސަފީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފައިވާއިރު، އެ ކޮމިޓީން މައްސަލަ ދިރާސާކޮށް މަޖިލީހުގެ ރައީސް މެދުވެރިކޮށް ތަޅުމަށް ފޮނުވުމުން، ދެ ސަފީރުންނަށް ރުހުން ދިނުމާ މެދު މަޖިލީޙުން ގޮތެއް ނިންމާނެއެވެ.