މިވަގުތު ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުކަމަށް އައްޔަން ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވާފައިވާ ނަންތައް މަޖިލީހުގެ ޖަލްސާގައި މިއަދު އިއްވައިފިއެވެ.
އޭސީސީގެ ބޯޑު އެއްކޮށް ހުސްވެފައި ވަނީ މިދިޔަ ޑިސެމްބަރު މަހު، އެ ކޮމިޝަނުގެ މެންބަރުން ވަކިކުރަން ނިންމައި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ތަޅުމަށް ފޮނުވަން ފާސްކޮށްފައި ވަނިކޮށް ބާކީ ތިބި މެންބަރުން ކަމަށްވާ އެ ކޮމިޝަނުގެ ރައީސް މަރިއަމް ޝިއުނާ އާއި ފާތިމަތު އަނޫލާ އާއި އައިޝަތު އަބްދުﷲ އިސްތިއުފާ ދެއްވުމުންނެވެ.
އޭރު އޭސީސީގެ ކުރީގެ ދެ މެންބަރުން ކަމަށްވާ މުހައްމަދު ޝަކީލާއި އަލީ އަޝްރަފް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން މިދިޔަ ޑިސެމްބަރު މަހުގައި އެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން އިއުލާނު ކުރި ނަމަވެސް، ބާކީ ތިއްބެވި މެންބަރުން އިސްތިއުފާ ދެއްވުމުން، ރައީސް އޮފީހުން ވަނީ މިދިޔަ މަހު އަލުން އެ މަގާމަށް ހުޅުވާލާފައެވެ. އެ ފުރުސަތު ހަމަވުމުން އަނެއްކާވެސް އަލުން ހުޅުވާލާފައިވެއެވެ.
އެ މުއްދަތުގައި ކުރިމަތިލީ މީހުންގެ ތެރެއިން، ފަސް މީހެއްގެ ނަން ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފައެވެ. އެ ނަންތައް މިއަދުގެ ޖަލްސާގައި މަޖިލީހުގެ އަމީން އާންމު އިއްވަވާފައިވާއިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ނަންތައް ދިރާސާ ކުރުމަށްޓަކައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ނަންތައް ފޮނުއްވަން ނިންމަވައި، އެ ނަންތައް ފޮނުއްވާފައެވެ.
އޭސީސީއަށް އައްޔަން ކުރަން ފެނޭތޯ ރައީސް ފޮނުއްވި ނަންތައް:
- އާދަމް ޝާމިލް، ރަތްވިލާގެ / ތ. ވިލުފުށި
- އަބްދުއްސަލާމް، ހަވާ / ށ. ނަރުދޫ
- ތޯހާ މުހައްމަދު، ކަޅިހާރުގެ / އދ. މާމިގިލި
- ޝަޒްނާ ހާޝިމް، ރިހިވިލު / ހދ. ނޮޅިވަރަންފަރު
- ޝިޔާމާ މުހައްމަދު، ނާރެސް / ރ. ހުޅުދުއްފާރު
ރައީސް ރައްޔިތުންގެ މަޖިލީހަށް އެ ނަންތައް ފޮނުއްވީ މިދިޔަ މަހުގެ 23 ގައެވެ. އެހެން ނަމަވެސް މަޖިލީހަށް ނަންތައް ފޮނުއްވީ ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު ފަހަނަހަޅައި ދިއުމުންނެވެ. އޭސީސީގެ ގާނޫނުގައިވާ ގޮތުން، އެ ކޮމިޝަނުގެ މެންބަރަކު އިސްތިއުފާ ދެއްވައިފި ނަމަ، ދެ މަސްދުވަހުގެ ތެރޭ އައްޔަނު ކުރަން ޖެހޭނެއެވެ.