2 މިނިސްޓްރީއެއްގެ ސްޓޭޓް މިނިސްޓަރުން މިއަދު އައްޔަންކޮށްފިއެވެ.

އެ ދެ މިނިސްޓްރީގެ ތެރޭގައި ހިމެނެނީ ޔޫތު މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޔޫތު މިނިސްޓްރީގެ ނައިބުގެ މަގާމުގައި ހުންނެވި ގދ. ތިނަދޫ، ޑެން، މުހައްމަދު ނާސިހު ރަޝީދު އެ މަގާމުން ވަކި ކުރައްވާ ސްޓޭޓް މިނިސްޓްރުގެ މަގާމަށް އައްޔަންކުރެއްވީ މިއަދުއެވެ.

ނާސިހު މިހާރު ބެޗެލާސް އޮފް ޝަރިއާ އެންޑް ލޯ ކިޔަވަމުންގެންދަވާއިރު މީގެކުރިން އޭނާ ވަނީ ޑިޕްލޮމާ އިން ޕްރޮޖެކްޓް މެނޭޖްމަންޓާއި އެޑްވާންސް ސެޓިފިކެޓް އިން ޔޫތް ޑިވެލޮޕްމަންޓާއި އޮފީސް އެޑްމިނިސްޓްރޭޝަން އަދި ޕާކިސްތާނުން ނެޝަނަލް ސަޕޯޓް ޕްރޮގްރާމްގެ ކޯހެއް ވެސް ފުރިހަމަ ކުރައްވާފައެވެ. އަދި ނާސިހު ވަނީ ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުގެ ރައީސްގެ މަގާމާއި އެ ކައުންސިލުގެ މެންބަރެއްގެ މަގާމުވެސް އަދާކުރައްވާފައެވެ.

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުގެ މަގާމަށް ރައީސް ސޯލިހު އައްޔަންކުރެއްވީ ސ.ހިތަދޫ، ޖަންބުމާގެ މުހައްމަދު އަނީލެވެ.

އަނީލް ވަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާއިން 2012 ވަނަ އަހަރު އިސްލާމިކް ޝަރީއާއިން ބެޗެލަސް ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި މިހާރު އަނީލް އަންނަނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީއިން މާސްޓާސް އޮފް އިސްލާމިކް ސްޓަޑީޒްގެ ތަައުލީމު ހާސިލްކުރައްވަމުންނެވެ. 2017 ވަނަ އަހަރުން ފެށިގެން މި މަގާމަށް އައްޔަންކުރުމުގެ ކުރިން އަނީލް ވަނީ ސ. ހިތަދޫ އިސް އިމާމުގެ މަގާމު އަދާކުރައްވާފައެވެ.