އދ. ދަނގެތީގެ ވިޔަފާރި ވެރިޔާ މަހްމޫދު އަބޫބަކުރުގެ މަރާލި ގާތިލް ޝާހް އަލޮމް މިއާ (ސާލިމް) މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ސާލިމް މަހްމޫދު މަރާލީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ފައިސާގެ ބޭނުމުގައެވެ. އޭނާ މަހްމޫދް މަރާލުމަށް ފަހު އެރަށުގައި ހުރި ފަޅު ގެއެއްގެ ތެރޭގައި ހުރި ވަޅަކަށް އެއްލާލި ކަމަށް ސާލިމް ވަނީ އެބަސްވެ އެ ގަތުލު ހިންގި ގޮތް ކިޔައިދީފައެވެ.
މިއީ ރާއްޖޭގައި ބިދޭސީއެއްގެ މައްޗަށް މަރުގެ އަދަބެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ.
ސާލިމް މެރުމަށް ކޯޓުން ހުކުމްކުރީ މަހްމޫދުގެ ހުރިހާ ވާރިސުން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފައިވާތީ އެވެ.
ޝާ އަލޮމް މިއާގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާއެވެ. މި މައްސަލައިގައި ޝާ އަލޮމް މިއާ ވަނީ އެ ކުށަށް އިއުތިރާފު ވެފައެވެ. އަދި މި މައްސަލައިގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމެއްގައި ވަނީ މަހުމޫދު މަރާލީ ޝާ އަލޮމް މިއާކަން ސާބިތުވެއްޖެ ކަމަށް ކަނޑައަޅާފައެވެ.
މަހްމޫދު މަރާލީ ޝާ އަލޮމް މިއާ ކަން އިތުރަށް ސާބިތު ކުރަން ބޭއްވި އަޑުއެހުމުގައި މަހްމޫދުގެ ފޮޓޯއެއް ދައްކާފައި ސާލިމްއާއި ސުވާލު ކުރަން ދައުލަތުންނާއި ދިފާއުން ވެސް އެދިވަޑައިގަތެވެ. އަދި ނޫހެއްގައި ޝާއިއުކޮށްފައިވާ ހަބަރެއްގައި އޮތް މަހްމޫދުގެ ފޮޓޯއެއް ދައުލަތުން ދެއްކުމުން ޝާ އަލޮމް މިއާ ވަނީ އެއީ އޭނާ މަރާލި މީހާ ކަމަށާއި އެހެންނަމަވެސް މަހްމޫދު އޭރު މާ ކަޅު ކަމަށް ބުނެފައެވެ. އަދި އިތުރަށް ޔަގީން ކުރަން ދައުލަތުން ވަނީ މަހްމޫދުގެ އައިޑީ ކާޑުގައި އޮތް ފޮޓޯ ދައްކާފައެވެ. ސާލިމް ވަނީ އެއީ އޭނާ މަރާލި މީހާ ކަމަށާއި އެއީ ކާކު ކަން އެނގޭތޯ ސުވާލުކުރުމުން ސާލިމް ބުނީ މަހްމޫދުގެ ނަން ވެސް ސާލިމްއަށް ރަނގަޅަށް ނޭނގޭ ކަމުގައެވެ.
މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ޝާ އަލޮމް މިއާ ވަނީ މަހްމޫދު މަރާލީ ވަޅިންނާއި ކޮޅު ތޫނުކޮށްފައިވާ ދަގަނޑަކުން މަހްމޫދުގެ މެޔާއި ކަރަށް ހަމަލާދީގެން ކަމަށާއި މަހްމޫދުގެ ހަށިގަނޑުގެ ބޮލާއި ފަޔަށް ގޯންޏެއް ލައްވައިގެން ގެންގޮސް ފެންވަޅަކަށް ބޯކޮޅުވަތަށް ވައްޓާލި ކަމަށް އިއުތިރާފު ވެފައެވެ.
މަހުމޫދުގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ މިދިޔަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުގެ ހަވީރު 3:16 ހާއިރު، މަހުމޫދުގެ އާއިލާއިން އޭނާ ގެއްލިގެން އެ ދުވަހު ހެނދުނު 10:16 ހާއިރު އެންގުމުން، އެ ރަށު މީހުން ތިން ޓީމަކަށް ބަހާލައިގެން ނުކުމެ ރަށުތެރެ ހޯދަމުން ދަނިކޮށެވެ.
އެ މައްސަލާގައި ޝާ އަލޮމް މިއާ ހައްޔަރުކުރީ އޭގެ ދެ ދުވަސް ފަހުންނެވެ. އޭނާއަކީ އެ ރަށުގެ ނެދުންގޭގައި ހުންނަ އުމުރުން ދުވަސްވީ މީހެއް ބަލަހައްޓަން ގެނެސްފައި ހުރި މީހެކެވެ. އެ މައްސަލާގައި ފުލުހުން އޭނާ ހައްޔަރުކޮށް، މަހުމޫދު މަރާލި ގޮތް ވަނީ އޭނާ ލައްވާ ކުޅުވާފައެވެ.