ޔޫކްރޭނަށް އަރައިގެންފައިވާ ރަޝިއާގެ ކޮންޓްރޯލް ގެ ދަށަށް، ޔޫކްރޭންގެ ވެރިރަށް ކިއޭވް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގެންދިއުން އެކަށީގެންވާ ކަމަށް ބާރު ދޭ ޖާސޫސީ ހެކި ލިބިފައި ވާ ކަމަށް އެމެރިކާއިން ބުނެފިއެވެ.

ރަޝިއާއިން ޔޫކްރޭނަށް އަސްކަރީ ބާރާއެކު ސީދާ އެރުމުގެ ކުރިން ހަދާފައިވާ އަންދާޒާތަކަށް ރިއާޔަތްކޮށް، ޖާސޫސީ މައުލޫމާތު ލިބިފައިވާ މަސްދަރުތަކަކާ ހަވާލާދީ އެމެރިކާގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ރަޝިއާއިން ޔޫކްރޭނަށް ހަމަލާ ދޭން ފަށާތާ 1 ދުވަހާ 4 ދުވަހާ ދެމެދު މުއްދަތެއްގެ ތެރޭގައި، ރަޝިއާގެ ކޮންޓްރޯލްގެ ދަށަށް، ކިއޭވް ގެންދާނެއެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ވަނީ، ރަޝިއާގެ ބާރުތަކުން، ކިއޭވްއާ ގާތްގަނޑަކަށް 20 މޭލަށް ގާތްވެފައި ވާ ކަމަށް ވިދާޅުވެފައެވެ.

ކަން މިހެން އޮތް އިރު، ޔޫކްރޭންގެ ވެރިރަށް ކިއޭވްގައި އާންމުން ދިރިއުޅޭ ހިސާބުތަކުގައިވެސް ރަޝިއާ އަސްކަރިއްޔާގެ ބަރު އުޅަނދު ފަހަރު ދުއްވަމުން އަންނަ ކަމަށް މިއަދު މެންދުރުގެ ވަގުތެއްގައި ވަނީ އަޑު ފެތުރިފައެވެ.

ޔޫކްރޭންގެ ދިފާއީ ވުޒާރާއިންވެސް ވަނީ ރަޝިއާގެ އަސްކަރިއްޔާގެ އުޅަނދުތައް، ކިއޭވްގައި އާންމުން ދިރިއުޅޭ ހިސާބުތަކަށް ވަދެގެންފައިވާކަން ކަށަވަރު ކޮށްދީފައެވެ. މިމަންޒަރުތައް، ސޯޝަލް މީޑިއާގައިވެސް ދަނީ ދައުރުވަމުންނެވެ.

ޔޫކްރޭންގެ އޮފިޝަލުން ވަނީ، ބަޔަކު އެ ގައުމު ހިފަން ކުރާ ހުރިހާ ކަމަކާ ދެކޮޅަށް ތެދުވާނެ ކަމަށް ވިދާޅުވެފައެވެ.

ޔޫކްރޭންގެ ފަސްގަނޑު، އަދުއްވުންގެ ކިބައިން މިނިވަން ކުރުމަށް، އާންމުންގެ ވީހާވެސް ގިނަ ބަޔަކު އަސްކަރިއްޔާއާ ގުޅުމަށް، ޔޫކްރޭންގެ ދިފާއީ ބާރުން ވަނީ ގޮވާލާފައެވެ.