ޔޫކްރެއިންގެ މަސްރަހުގައި ހިންގަމުންދާ ހަމަލާ ބަދަލު ކުރުންތައް މިހާރުން މިހާރަށް ހުއްޓުމަކަށް ގެނެސް، ޑިޕްލޮމަސީ އިސްކޮށް، މަޝްވަރާއަށް ހިޔާރު ކުރުމަށް އދގެ އާންމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

ރަޝިއާއިން އަސްކަރީ ބާރާއެކު ޔޫކްރޭނަށް އަރާ ހިންގަމުންދާ ކުރިމަތިލުންތަކާ ގުޅިގެން އާންމު ކުރެއްވި ބަޔާނުގައި ޝާހިދު ވަނީ، ބައިނަލްއަގުވާމީ ގާނޫނާއި، އިންސާނިއްޔަތުކަމާ ބެހޭ ބައިނަލްއަގުވާމީ ގާނޫނު ނެގެހެއްޓުމަށް އދގެ މެންބަރު ގައުމުތަކާއި ދައުލަތްތަކަށް ގޮވާލައްވާފައެވެ.

އަދި ޔޫކްރޭންގެ ރައްޔިތުންނަށް މިވަގުތު އިންތިހާ ބޭނުން ޖެހިފައިވާ އިންސާނީ އެހީ، އެއްވެސް ހުރަހެއް ނެތި، ރައްކާތެރިކަމާއެކު ފޯރުކޮށްދެވޭނެ ކަން ކަށަވަރު ކުރުމަށްވެސް އދގެ އާންމު މަޖިލީހުގެ ރައީސް ވަނީ ގޮވާލައްވާފައެވެ.

އދގެ ޗާޓަރު ބިނާވެފައި އޮތީ އިސްތިގުލާލީ ހަމަހަމަ ކަމުގެ މައްޗަށް ކަން ފާހަގަ ކުރައްވަމުން ޝާހިދު ވަނީ، ބައިނަލްއަގުވާމީ ދެބަސްވުންތައް ހައްލު ކުރުމުގައި ބިރު ދެއްކުމާއި ބާރު އިސް ކުރުމުގެ ބަދަލުގައި ސުލްހަ ހިޔާރު ކުރުމަށް ހަނދާން ކޮށްދެއްވާފައެވެ.

އަދި ޔޫކްރޭންގެ މަސްރަހުގައި ހިންގަމުންދާ ކަންކަމީ ޔޫއެން ޗާޓަރުގެ އުސޫލުތަކުގެ ބޭރުން ހިންގާ ކަންތައްތަކެއް ކަންވެސް ޝާހިދުގެ ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަކަށް، އެ ގައުމުގެ އަސްކަރިއްޔާއިން ޔޫކްރޭނަށް އެރީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އޭގެ ފަހުން މިހާތަނަށް ޔޫކްރޭނުން 100 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލި، 300 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައި ވާ ކަމަށް އެގައުމުގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ ވަނީ ހާމަ ކުރައްވާފައެވެ.