ޔޫކްރައިންގައި ތިބި އިތުރު 15 ދިވެހިން ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ޔޫކްރެއިންގައި ހިނގަމުންދާ ކަންކަމުގެ އެންމެ ފަހުގެ އަޕްޑޭޓް ހިއްސާކުރަމުން ފޮރިން މިނިސްޓްރީން ބުނީ ޔޫކްރެއިންގެ ހުޅަނގުގައި އޮންނަ އިވަނޯ ގައި ތިބި 15 ދިވެހިން ހަންގޭރީ އަށް އެއްގަމު މަގުން ގެންގޮސް، ދިވެހިރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިގޮތުން ދަރިވަރުން މިހާރު ދަތުރުކުރަމުން ދަނީ ޔޫކްރެއިން-ހަންގޭރީ ސަރަހައްދީ ރޮނގު ކައިރިއަށް ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ ރެއިން ފެށިގެން އެމިނިސްޓްރީ އާއި ބާލިންގައި ހުންނަ ދިވެހި އެމްބަސީއިން ހަންގޭރީ ސަރުކާރާއެކު، ދިވެހިން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
ހަރްކީވްގައި ތިބި ދިވެހިންނާއި، ނިޕްރޯގައި ހުރި ދަރިވަރުވެސް މިމަގުން ގެނެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މިނިސްޓްރީން އިތުރަށް ބުނީ ހުރިހާ ދިވެހިންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
ފޮރިން މިނިސްޓްރީން މިހެން ބުނެފައިވާއިރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހަމަލާތަކުގެ ސަބަބުން ރާއްޖެއަށް ނާދެވިފައިތިބި 21 ދަރިވަރަކަށް މިވަގުތު މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ބުނެފައެވެ.
ޔޫކްރައިންގައި ތިބި ދިވެހި ދަރިވަރުންގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރު ކުރާކަން ހާމަ ކުރަމުން ރާއްޖޭގެ ފޮރިން މިނިސްޓްރީން އިއްޔެ ވަނީ ޔޫކްރައިންގައި ތިބި ދަރިވަރުންގެ ހާލު ޖަރުމަނުގައި ހުންނަ ރާއްޖޭގެ އެމްބަސީން ގާތުން ބަލަމުން ދާ ކަމަށާއި ހުރިހާ ދަރިވަރުންގެ ހާލުވެސް ރަނގަޅު ކަމަށް ބުނެފައެވެ.