ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ސޯލިހު މިއަދު ތައިރޮއިޑުގެ އޮޕަރޭޝަނެއް ކުރައްވާތީ، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން ނައިބު ރައީސް ފައިސަލް ނަސީމް އާ ހަވާލު ކުރެއްވުމުން ދާދި ދެންމެ ފައިސަލް ހުވާ ކުރައްވައިފިއެވެ.

ފައިސަލް ނަސީމް ރައީސް ކަމުގެ ހުވާ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި ފަތިހު 5.50 ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ގާނޫނު އަސާސީގެ 123 ވަނަ މާއްދާގައި ވަނީ ރައީސުލް ޖުމްހޫރިއްޔާ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަށް އަދާކުރެއްވުމަށް ވަގުތީގޮތުން އުޒުރުވެރިވާނަމަ، ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށް ފަހު ނައިބް ރައީސާ އެ މަސްއޫލިއްޔަތުތައް ހަވާލުކުރަންވާނެ ކަމަށެވެ. އަދި އެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތަކާ އަލުން ހަވާލު ވެވޭނީ ވެސް ރައްޔިތުން މަޖިލީހުގެ ރައީސަށް އެކަން ލިޔުމަކުން އެންގުމަށް ފަހު ކަމަށް ވެސް އެ މާއްދާގައިވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވީ، މިއަދުގެ ވަގުތެއްގައި ތައިރޮއިޑްގެ އޮޕަރޭޝަން ކުރައްވާނެ ކަމަށެވެ. އަދި ސާޖަރީއަށް ފަހު މަގާމުގެ މަސްއޫލިއްޔަތުތަކާ އަވަހަށް ހަވާލުވެވަޑައިގަތުމަށް އުންމީދު ކުރައްވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވަނީ، ނައިބު ރައީސް ފައިސަލް ނަސީމަށް މަސްއޫލިއްޔަތުތައް ހަވާލު ކުރެއްވިކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށްވެސް އަންގަވާފައެވެ.

ތައިރޮއިޑް އޮޕަރޭޝަނަށް ރައީސް ވަޑައިގަތީ ސިންފަޕޫރަށެވެ. އިއްޔެ ސިންގަޕޫރަށް ވަޑައިގަންނަވަމުން ރައީސް ވިދާޅުވެފައި ވަނީ، މާތް ﷲގެ ވާގިފުޅާއެކު ފަރުވާގެ ކަންތައް ފުރިހަމަވެ ލަސްނުވެ މަސައްކަތްޕުޅަށް އެނބުރި ވަޑައިގެންނެވޭނެ ކަމަށެވެ.