އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން މާލެއާއި ހުޅުމާލޭގެ ދެވަނަ ފިޔަވައްސާ ދެމެދު ސީދާ ބަސް ދަތުރުތައް ފަށަން އެމްޓީސީސީން ނިންމައިފިއެވެ.

އެމްޓީސީސީން މި ނިންމުން ނިންމިކަން ހާމަ ކުރައްވައި އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން ހުޅުމާލެ ދެވަނަ ފިޔަވަހިން މާލެއަށް ދަތުރުތައް ފެށޭނެ ކަމަށެވެ.

އެގޮތުން ޓްރެފިކްގެ މައްސަލައެއް ނެތިއްޔާ ކޮންމެ އެއް ގަޑިއިރަކުން ބަސް ދަތުރު ކުރާނެ ކަމަށާއި، ނަމަވެސް އަންނަ ޖުލައި ނިމުމުގެ ކުރިން އެ ވަގުތު 15 މިނެޓަށް ކުޑަކޮށް، 15 މިނެޓު ތެރޭ ބަސް ދަތުރުކުރާނެ ކަމުގައި އާޒިމް ވިދާޅުވިއެވެ.

މާލެއާއި ހުޅުމާލޭގެ ދެވަނަ ފިޔަވައްސާ ދެމެދު ސީދާ ބަސް ދަތުރުތައް ފަށަން އެމްޓީސީސީން ނިންމާފައިވާއިރު، ފޭސް 2 ގައި އަޅާފައި ހުރި ހިޔާ ފްލެޓްތަކުގައި ގިނަ އާއިލާތަކަކުން ދަނީ އާބާދުވަމުންނެވެ. އަދި އެ ސަރަހައްދުން މާލެއަށް ދަތުރުކުރުމުގައި ދަތިތައް ހުރިކަމުގެ ކަންބޮޑުވުންތައްވެސް ބައެއް ފަރާތްތަކުން ފާޅުކޮށްފައި ވެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ބަހުގެ ހިދުމަތްދޭން ފަށާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުން ފެށިގެންނެވެ.