މީގެ ދެތިން ގަޑިއިރު ކުރިން ރަޝިއާއިން ޔޫކްރައިންއަށް އަރާ ހަމަލާތައް ދޭން ފަށާފައި ވާ އިރު، ހަމަލާ ދީފައި ވާނީ ޔޫކްރައިންގެ އަސްކަރީ އުމްރާނީ ބިނާތަކަށްކަމަށާ، ޔޫކްރައިންގެ ވައިގެ ދިފާއީ ނިޒާމު ފޫ އަޅުވާލާފައި ވާނެ ކަމަށް ރަޝިއާގެ މީޑިއާތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަކަށް މިއަދު ހެނދުނުގެ ވަގުތެއްގައި ރަޝިއާއިން ޔޫކްރައިނަށް އަރާ، އެކި ދިމަދިމާލުން ހަމާލަތައް ދޭން ފަށާފައި ވާއިރު، ޔޫކްރައިންގައި ހޯދާފައި ވާކަމަށް ބުނާ ރަޝިއާގެ ކާމިޔާބީއަށް ޔޫކްރޭނުން ވަނީ އިންކާރު ކޮށްފައެވެ.

ޔޫކްރައިންގެ އަސްކަރީ މަތިންދާ ބޯޓެއް ރަޝިއާއިން ވައްޓާލި ކަމަށް ބުނާ ވާހަކަ ޔޫކްރައިނުން ދޮގު ކުރެއެވެ. ކަން މިހެން އޮތް އިރު ރަޝިއާގެ އަސްކަރީ 5 މަތިންދާ ބޯޓަކާ ހެލިކޮޕްޓަރެއް، ޔޫކްރައިންގެ ލުހާންސްކް ސަރަހައްދުން ވައްޓާލާފައި ވާނެ ކަމަށް ޔޫކްރައިނުން ބުނެއެވެ.

މިއިން އެއްވެސް މައުލޫމާތެއްގެ ފުރިހަމަ ސައްހަކަން، ބައިނަލްއަގުވާމީ މީޑިއާއަށް އަދި ކަށަވަރެއް ނުކުރެވެއެވެ.

ޔޫކްރައިންގެ މަސްރަހު ހަނގުރާމައަކަށް ބަދަލު ވެފައި ވާއިރު، ޔޫކްރައިންގެ ރައީސް ވްލޭޑްމިއާ ޒެލެންސްކީ ވަނީ އެ ގައުމުގައި މާޝާލް ލޯ އިއުލާން ކުރައްވާފައެވެ. މާޝާލް ލޯ އާއެކު، މަދަނީ ވެރިކަމަކުން އަސްކަރީ ވެރިކަމުގެ ބާރުތަކަށް ފުރުސަތު ހުޅުވިގެން ދެއެވެ.

ޒެލެންސްކީ ވަނީ މިޙާރު ކުރިއަށްދާ އޮޕަރޭޝަންގައި ޔޫކްރައިންއަށް ކާމިޔާބު ލިބޭނެ ކަމަށް ވިދާޅުވެ، ރައްޔިތުން ހާސް ނުވުމަށް ގޮވާލައްވާފައެވެ.

ޒެލެންސްކީ ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ފޯނުން ގުޅުއްވާ މަޝްވަރާ ކުރައްވާފައެވެ. އަދި ބައިޑަން ގެންދަވަނީ ޔޫކްރައިންއަށް ބައިނަލްއަގުވާމީ ތާއީދު ހޯއްދެވުމުގެ މަސައްކަތްޕުޅު ކުރައްވަމުން ކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.

ކަން މިހެން އޮތް އިރު، މިހާރު ރަޝިއާއަށް ވަޑައިގެން އުޅުއްވާ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވަނީ، އަދުގެ ހާލަތާ މެދު ވަރަށް ބޮޑު ޝައުގެއް އެބައޮތް ކަމަށް ވިދާޅުވެފައެވެ. އިމްރާންގެ މި ކޮމެންޓަށް، ގިނަ ބައެއްގެ ފާޑުކިއުންތައް ދަނީ އަމާޒު ވަމުންނެވެ.

ޕޫޓިންގެ އަމުރުފުޅަށް، ރަޝިއާގެ އަސްކަރީ ފައުޖުތަކުން ޔޫކްރައިންއަށް ވަދެގަތީ ބެލަރޫސް ސަރަހައްދުން ކަމަށް މައުލޫމާތު ލިބެއެވެ. ވަރުގަދަ އަސްކަރީ އޮޕަރޭޝަން ފަށާފައި ވަނީ ޖީއެމްޓީ ގަޑިން 07:00 ހާ އިރުއެވެ.

ހަނގުރާމަ ފެށުމާއެކުހެން ގިނަ ބަޔަކު ދަނީ ޔޫކްރައިންގެ ވެރިރަށް ކިއޭވް ސަހައްދު ދޫކޮށް، އެހެން ސަރަހައްދުތަކަށް ބަދަލުވުމުގެ މަސައްކަތް ކުރަމުންނެވެ.