ހަމަނުޖެހުން ގަދަ ވެފައި ވާ ޔޫކްރައިންގެ ޑޮންބާސް ސަރަހައްދުގައި އަސްކަރީ ހާއްސަ އޮޕަރޭޝަން ފެށުމަށް ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިން ނެރުއްވި އަމުރާއެކު، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު، 100 ޑޮލަރަށް ވުރެ މައްޗަށް އަރައިފިއެވެ.

މިއީ ދުނިޔޭގެ ތެލުގެ ބާޒާރުގައި ބެންޗްމާކެއް ކަމުގައި ބަލާ އިނގިރޭސިވިލާތުގެ ބްރެންޓް ކުންފުނިން ވިއްކާ ތެލުގެ އަގު، ފާއިތުވީ 7 އަހަރު ދުވަހުގެ ތެރޭގައި މިހާ މައްޗަށް އެރި ފުރަތަމަ ފަހަރެވެ.

ސައުދީ އަރަބިއްޔާއަށް ފަހު ބައިނަލްއަގުވާމީ ބާޒާރަށް އެންމެ ފުޅާ ދާއިރާއެއްގައި ތެޔޮ ސަޕްލައި ކުރަމުން ދަނީ ރަޝިއާއިންނެވެ. މީގެ އިތުރުން ރަޝިއާއަކީ މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް އެންމެ ފުޅާ ދާއިރާއެއްގައި ގުދުރަތީ ގޭސް އެކްސްޕޯޓް ކުރާ ގައުމެވެ.

މާކެޓް އެނަލިސްޓެއް ކަމަށް ވާ ޓީނާ ޓެންގް ވިދާޅުވީ، ސަޕްލައިއަށް ދަތިތަކެއް ކުރިމަތި ވެދާނެ ކަމުގެ ބިރު، އިންވެސްޓަރުންގެ މެދުގައި ބޮޑުވެފައި ވާ ކަމަށެވެ. ސަޕްލައިއަށް ދަތިވާނެ ކަމަށް ބެލެވެނީ، ރަޝިއާއާ ދެކޮޅަށް އެމެރިކާއިން ތަންފީޒު ކުރާ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ.

ޕޫޓިން ވަނީ ޔޫކްރައިންގައި ވަކިވެގަތުމަށް މަސައްކަތް ކުރާ ޑޮންބާސް ސަރަހައްދުގައި އަސްކަރީ ހަރަކާތްތައް ވަރުގަދަ ކުރައްވާފައެވެ. ޔޫކްރައިންގެ އެކި ހިސާބުތަކުން މިހާރުވެސް ބާރުގަދަ ގޮވުންތަކުގެ އަޑު އިވެމުން ދާ އިރު، ވެރިރަށް ކިއޭވްގެ ވައިގެ ބަނދަރު ސަރަހައްދުން ބަޑީގެ އަޑު އިވޭ ކަމަށް ހަބަރު ލިބެއެވެ.