މަސްރަހު އިންތިހާއަށް ނުތަނަވަސް ވެފައި ވާ ޔޫކްރައިންގެ ޑޮންބާސް ސަރަހައްދުގައި، ރަޝިއާއިން ހާއްސަ އަސްކަރީ އޮޕަރޭޝަނެއް ފަށައިފިއެވެ.

ޓީވީ މެދުވެރި ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިން ވަނީ، ރަޝިއާގެ އެއްބާރުލުމާއެކު ޔޫކްރައިންގައި ވަކިވެގަތުމަށް މަސައްކަތް ކުރަމުންދާ ފައުޖުތަކާ ކުރިމަތިލަމުންދާ ޔޫކްރައިންގެ އަސްކަރީ ބާރުގެ ފައުޖުތަކުން ހަތިޔާރު ދޫކޮށްލުމަށް ގޮވާލައްވާފައެވެ.

ޕޫޓިން ވިދާޅުވީ ރަޝިއާއިން ޔޫކްރައިން ހިފަން ޕްލޭން ކޮށްފައި ނުވާނެ ކަމަށެވެ. ނަމަވެސް، އެއްވެސް ބަޔަކު ރަޝިއާއަށް އަރަން މަސައްކަތް ކޮށްފި ނަމަ ރަޝިއާއިން ވަގުތުން ރައްދު ހަމަލާ ދޭނެ ކަމުގެ އިންޒާރު، ޕޫޓިން ވަނީ ދެއްވާފައެވެ.

ޔޫކްރައިންއާއި ހުޅަނގުގެ ބާރުތަކުން ބުނާ ގޮތުގައި، ރަޝިއާއިން ދަނީ ޔޫކްރައިން ހިފަން މަސައްކަތް ކުރަމުންނެވެ.

ލިބެމުންދާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، ޔޫކްރައިންގެ ސިޓީތަކުން ބާރު އަޑުފަށްގަނޑާއެކު ގޮވުންތަކެއްގެ އަޑުވެސް ދަނީ އިވެމުންނެވެ. މީގެ އިތުރުން ވެރިކަން ކުރާ ކިއޭވްގެ މައި ބޮރީސްޕިލް އެއާ ޕޯޓް ސަރަހައްދުން ބަޑީގެ އަޑު އިވޭ ކަމަށްވެސް ހަބަރު ލިބެއެވެ.

ސާބިތު ހިފޭ އެއްވެސް ސަބަބެއް ނެތި އަދި ފުރާސަރަ ކުރުމަކާ ނުލާ ރަޝިއާއިން ޔޫކްރައިންއަށް ހަމަލާ ދީފި ނަމަ، އެމެރިކާއާއި އެމެރިކާއާ ގުޅިފައިވާ ބާރުތައް އެކުވެގެން ރައްދު ހަމަލާ، ރަޝިއާއަށް އަމާޒު ކުރާނެ ކަމުގެ އިންޒާރު، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ދެއްވާފައެވެ.

ޔޫކްރައިންގެ ރައީސް ވްލޭޑްމިއާ ޒެލެންސްކީ ވިދާޅުވާ ގޮތުގައި ޔޫކްރައިންއާ ރަޝިއާ ހިއްސާ ކުރާ ބޯޑަރު ސަރަހައްދުގައި އޮތް ރަޝިއާ ފައުޖުގެ އަސްކަރީ ސިފައިންގެ އަދަދު މިހާރު 2 ލައްކައާ ގާތް ކުރެއެވެ.

ރަޝިއާއިން ހާއްސަ އަސްކަރީ އޮޕަރޭޝަން ފަށާފައި ވާ ޑޮންބާސް ސަރަހައްދަކީ، ޔޫކްރައިންގެ މައި ސަރުކާރުން ވަކިވެގަތުމަށް މަސައްކަތް ކުރަމުން އަންނަ ސަރަހައްދަކަށް ވާއިރު، އެ ސަރަހައްދުގެ މިނިވަން ކަން، ރަޝިއާއިން ވަނީ ނިމިގެން މިދާ ހަފުތާ ތެރޭގައި ބަލައިގެންފައެވެ.